ނިމުނު އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން (ފެނަކަ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދާއި، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުގެ ފަރާތުން ކްރައިމިނަލް ކޯޓަލް މިއަދު ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ފެނަކައިގެ ކުރީގެ އެމްޑީ ސައީދާއި، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި ކަމަށެވެ.

Ad
rt

މިގޮތުން 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާކަަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި 26 ޑިސެންބަރު 2024 ދުވަހު ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ގެ މައްޗަށްކޮށްފައިވާ ދައުވާ އަކީ، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

މި މައްސަލާގައި ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ކޮށްފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އެވެ. މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މި ދެބޭފުޅުން ކުޅަ މި ޢަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވަނީ ލިބިފައިވެއެވެ.

މި ދައުވާތައް ކޯޓަށް ހުށަހެޅިކަން ފާހަގަކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ، މި މައްސަލައިގައި ފެނަކަ އަށް ކޮރަޕްޝަނުގެ ސަބަބުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެންގުމަށް ވެސް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އަދި މި މައްސަލައިގެ އިތުރުންވެސް ފެނަކައިގެ ކުރީގެ ވެރިން ހިމެނޭ ސީރިއަސް ގިނަ މައްސަލަތަކެއްގައި ދަޢުވާކުރުމާއި މެދު ގޮތެއްނިންމަން ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހާއިއެކު އެ ކޮމިޝަނުން މަޝްވަރާ ކުރަމުން އަންނަކަމަށެވެ.