'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓްތައް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ދަޢުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ރަސްމީކޮށް ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންނާއި ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ހިމެނޭގޮތަށް އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މި މައްސަލައާ ގުޅިގެން ނެވެ. މީގެ އިތުރުން ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ލިރުޝާން ވަޙީދު އަދި މިހާރުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

އޭސީސީން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަކަށް 'ގެދޮރުވެރިޔާ' ސްކީމްގެ އިތުރުން 'ބިންވެރިޔާ' ސްކީމާ ގުޅޭ ޖިނާއީ ތަޙްޤީޤެއްވެސް ފަށާފައެވެ. އަދި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތިތަކެއް ދިން މައްސަލައެއްވެސް ތަޙްޤީޤުކުރަން ވަނީ ފަށާފައެވެ.