އަޒަރުބައިޖާނުގެ މަތިންދާބޯޓެއް ކަޒަކިސްތާނުގެ ދުރުހިސާބަކަށް ވެއްޓި 35 މީހުން މަރުވެއްޖެއެވެ.
ބުދަ ދުވަހު އަޒަރުބައިޖާނުން ރަޝިޔާއަށް ދަތުރުކުރަމުންދިޔަ އެމްބްރެއާ މަތިންދާބޯޓެއް ކަޒަކިސްތާނުގެ އަކްތައު ސިޓީ ކައިރީގައި އޮންނަ ހުސްބިމަކަށް ވެއްޓިފައިވާއިރު، 62 ފަސިންޖަރުންނާއި 5 ކުރޫ މެންބަރުންގެ ތެރެއިން 32 މީހުން ސަލާމަތްވެފައިވާކަމަށް ކަޒަކިސްތާނުގެ އިދާރާތަކުން ބުނެއެވެ.
އަޒަރުބައިޖާން އެއަރލައިންސްގެ ޖޭ2-8243 ފްލައިޓް ވަނީ އޭގެ ޝެޑިއުލްކޮށްފައިވާ މަގުން ސަތޭކަ އެތައް މޭލެއް ދުރަށް ގޮސް، ކަސްޕިއަން ކަނޑުގެ އަނެއް އައްސޭރިފަށަށް ދަތުރުކޮށްފައެވެ. ރަޝިޔާގެ އޭވިއޭޝަން ބެލެހެއްޓުމުގެ އިދާރާއިން ބުނިގޮތުގައި މި ހާދިސާ ހިނގީ ކުއްލި އިމަޖެންސީއަކާ ގުޅިގެންނެވެ.
މަތިންދާބޯޓް ކަނޑު ހުރަސްކޮށްފައިވާ ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާ ހިނގީ ދެކުނު ރަޝިޔާގައި ޑްރޯން ހަމަލާތަކެއް ދިންތާ މަދު ވަގުތުކޮޅެއް ފަހުގައެވެ. މީގެ ކުރިންވެސް މި ސަރަހައްދުގެ އެއަރޕޯޓްތައް ޑްރޯން ހަރަކާތްތަކާ ގުޅިގެން ބަންދުކޮށްފައިވެއެވެ. އަދި މި މަތިންދާބޯޓުގެ ދަތުރު މަގުގައި އޮތް އެންމެ ކައިރި ރަޝިޔާގެ އެއަރޕޯޓް ބުދަ ދުވަހުގެ ހެނދުނު ވެސް ބަންދުކޮށްފައިވެއެވެ.
މި ހާދިސާގެ ވީޑިއޯއެއްގައި ފެންނަގޮތުން، މަތިންދާބޯޓް ވަނީ އަވަސް ސްޕީޑެއްގައި ތިރިއަށް އައިސް، ބިމަށް ވެއްޓިފައެވެ. އަދި ވެއްޓުމާއެކު އަލިފާން ރޯވެފައެވެ. އަދި އޭގެފަހުން ކަޅު ދުން އަރާފައިވެއެވެ. ލޭއޮހޮރި އަނިޔާވެފައިވާ ފަސިންޖަރުން ވަނީ މަތިންދާބޯޓުގެ ހަލާކުނުވެ އޮތް ބައެއްގެ ތެރެއިން ނުކުމެފައެވެ.
ކަޒަކިސްތާނުގެ އިމަޖެންސީ މިނިސްޓްރީން ބުނެފައިވަނީ އަލިފާން ނިއްވާ ޚިދުމަތުން އަލިފާން ނިއްވާލާފައިވާ ކަމަށާއި، ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނޭ ދެ ކުޑަކުދިންނާއެކު އެންމެން ވެސް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނަގަމުންދާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!