ޗައިނާގައި ފެތުރެމުންދާ، ނޭވާލާ ނިޒާމަށް އަސަރުކުރާ ގޮތްނޭނގޭ ބަލި "ނޮވެލް ކޮރޯނާ ވައިރަސް" ދާދިފަހުން ޗައިނާއަށް ދަތުރުކުރި އެމެރިކާގެ ރައްޔިތެއްގެ ހަށިގަނޑުން ވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެމެރިކާއިން ބުނެފި އެވެ.

ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީ ހުންނަ ޞަރަޙައްދަށް ދަތުރުކޮށްފައިވާ މިމީހާއަކީ އުމުރުން 30ގެ އަހަރުގެ މީހެކެވެ. މިމީހާއަށް މިހާރު ހޮސްޕިޓަލުން ފަރުވާދެމުން އަންނަކަމަށާއި އެމީހާގެ ޙާލަތު ރަނގަޅުކަމަށް އެމެރިކާގެ އިދާރާތަކަށް ހަވާލާދީ ނޫސްތަކުން ބުނެއެވެ.

Ad
rt

އެމެރިކާ އަކީ ކޮރޯނާވައިރަސްގެ އަސަރު ފެނުނު ފަސް ވަނަ ޤައުމެވެ. އެންމެ ފުރަތަމަ މި ވައިރަސްގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިަނީ ޗައިނާއިންނެވެ. އޭގެފަހުން ތައިލެންޑް، ޖަޕާން އަދި ސައުތު ކޮރެއާއިންވެސް މިވައިރަސްގެ އަސަރު ކޮށްފައިވާ މީހުންވަނީ ފެނިފައިވެއެވެ.

ޗައިނާއިން މިވައިރަސްގެ އަސަރު ފެންނަން ފެށުމާއެކު މިދިޔަ ހަފުތާގައި އެމެރިކާގެ ޞިއްޙީ އޮފިޝަލުންވަނީ ޗައިނާއިން އަންނަ ފަސިންޖަރުން އެމެރިކާގެ ތިން އެއަރޕޯޓެއްގައި މިބައްޔަށް ސްކްރީން ކުރަން ފަށާފަ އެވެ. އެމެރިކާގެ އިތުރުން އެހެން ޤައުމުތަކުންވެސް އަންނަނީ އެއަރޕޯޓްތަކުގައި ފަސިންޖަރުން ސްކްރީން ކުރުމުގެ ޕްރޮގުރާމުތައް ހިންގަމުންނެވެ.

މިވައިރަސްގެ އަސަރު ޗައިނާއިން ފެނިފައިވަނީ މިދިޔަ މަހު އެވެ. މިވައިރަސްގެ އަސަރު ފެނުމާއެކު ހުންއައިސް، ކެއްސާ ނޭވާލާން އުނދަގޫވެއެވެ. ޗައިނާއިން މިހާތަނަށް މިވައިރަސްގެ އަސަރުކޮށްގެން 275 ށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މީގެ ގިނަ ކޭސްތައް ފެނިފައިވަނީ ވުހާން އިންނެވެ.

އޮފިޝަލުން މީގެކުރިން ބުނެފައިވަނީ މިވައިރަސް އަކީ ޖަނަވާރުންގެ ކިބައިން ފެތުރެމުންދާ ވައިރަސް އެއް ކަމަށެވެ. ނަމަވެސް މިހަފްތާގައި ޗައިނާގެ އޮފިޝަލުން ވަނީ މިއީ އިންސާނުންގެ ގައިންވެސް ފެތުރެމުންދާ ވައިރަސް އެއް ކަމަށް ބުނެފައެވެ.

ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާރސް) އާ އެއްގޮތްކަމެއް ހުންނަ ގޮތްނޭނގޭ ނުރައްކާތެރި ވައިރަހެއް ފެތުރި ޗައިނާއިން މީހުން މަރުވާން ފަށާފައިވާ ކަމަށް ދަނީ ރިޕޯޓް ކުރަމުންނެވެ.

މި މައްސަލައިގައި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ، (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުން ފެށިގެން، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި، މިބަލި ފެތުރެމުންދާއިރު، މިއަހަރުގެ ޖެނުއަރީ އާއި ހަމައަށް، މި ބަލީގެ 142 މީހުން ފެނިފައިވާ ކަމަށެވެ. އަދި މި ބަލީގައި 2 މީހުން މަރުވެފައިވާ ކަމަށް ޗައިނާގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ، މި ބަލި ފެތުރެމުންދާ ނޮވެލްކޮރޯނާ ވައިރަސްގެ ބަލިޖެހުން ގުޅިފައިވަނީ، ސީފްޑް ނުވަތަ ޖަނަވާރުގެ ޒަރީއާއިން އަރާ ޖަރާސީމް އަކުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޗައިނާގައި ޝައްކުކުރެވޭ އެފަދަ ބައެއް މާރުކޭޓްތައް 1 ޖެނުއަރީން ފެށިގެން، ބަންދުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވަނީ، މިބަލި އެކަކުގެ ގައިން އަނެކަކު ފެތެރެމުން ނުދާ ކަމަށް، ޗައިނާގެ ސިއްހީ އިދާރާއިން މައުލޫމާތުދީފައިވާ ކަމަށެވެ.

އެގޮތުން ސަމާލުވާންވީ ކަންކަމުގެ ތެރޭގައި:

  • ދޫނި ސޫފާސޫފި ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުން.
  • ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި، ބަލިމީހުންނާއި ކައިރީގައި ނޫޅުން.
  • ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން.
  • ކެއްސާ ކިނބިހިއަޅާއިރު ޓިޝޫ އަކުން، އަނގައާއި ނޭފަތް ނިވާކުރުން.

އެޗްޕީއޭ އިން އިތުރަށް ބުނީ، ޗައިނާގެ ބަލި ފެތުރޭ ހިސާބުތަކަށް ދަތުރުކުރުމަށްފަހު ހުންއައިސް، ނޭވާލާން އުނދަގޫވާފަދަ ކަމެއް ފާހަގަވާނަމަ:

  • މާސްކް އަޅައިގެން އުޅުން.
  • ސިއްހީ ހިދުމަތް ހޯދަން ނޫން ގޮތަކަށް ބޭރަށް ނުދިއުން.
  • އަވަހަށް ފަރުވާ ހޯދުން.
  • ވޭތުވެދިއަ 14 ދުވަހުގެތެރޭގައި ދަތުރުކޮށްފައިވާ ތަންތަނުގެ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކުރުން.

އެޗްޕީއޭ އިން އިތުރަށް ބުނީ، މި ބަލީގެ ހާލަތު ދެނެގަނެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަޅަމުންދާ ފިޔަވަޅުތައް އެ އެޖެންސީ އިން އަޅަމުންގެންދާނެ ކަމަށެވެ.