އެމެރިކަން އެއަރލައިންސްއިން އެމެރިކާގެ އެތެރޭގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.
މިކަން ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އަހަރީ ބޮޑު ޗުއްޓީގެ މޫސުމުގައި ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ.
އެމެރިކާގެ ގަޑިން ހެނދުނު 7:55 އަށް މި ހުއްޓުން ނިމުމަކަށް އައިސްފައިވާކަމަށް އެމެރިކަން އެއަރލައިންސްގެ ތަރުޖަމާނެއް ސީއެންބީސީއަށް މަޢުލޫމާތު ދީފައިވެއެވެ. މި ހުއްޓުން ދެމިގެން ގޮސްފައިވަނީ އެންމެ ގަޑިއިރަކަށްވުރެ ކުޑަ ވަގުތުކޮޅެކެވެ.
މި މައްސަލަ ދިމާވެފައިވަނީ ޑީއެކްސްސީ ޓެކްނޮލޮޖީ ނަމަކަށް ކިޔާ ވެންޑަރެއްގެ ނެޓްވޯކް ހާޑްވެއަރގެ މައްސަލައަކާ ގުޅިގެންނެވެ. މި ވެންޑަރަކީ ފްލައިޓް އޮޕަރޭޓިންގ ސިސްޓަމް ބަލަހައްޓާ ފަރާތެވެ. މި ސިސްޓަމަކީ މަތިންދާބޯޓުގެ ބަރުދަނާއި ބެލެންސް ފަދަ މުހިންމު މަޢުލޫމާތު ބަލަހައްޓާ ސިސްޓަމެކެވެ. މި މަޢުލޫމާތަކީ ފްލައިޓް ފުރުމުގެ ކުރިން ކޮންމެހެން ބޭނުންވާ މަޢުލޫމާތެވެ.
އެމެރިކަން އެއަރލައިންސްއިން ބުނެފައިވަނީ މިހާރު މި މައްސަލަ ހައްލުކުރެވި، ފްލައިޓްތައް އަލުން ފަށައިފައިވާ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ އެމެރިކަން އެއަރލައިންސްއިން އެދިގެން މި ގްރައުންޑް ސްޓޮޕް ނެރެފައިވާ ކަމަށެވެ. ގްރައުންޑް ސްޓޮޕްއަކީ އާންމުކޮށް އެއަރލައިންތަކުން އެދިގެން ނެރޭ އަމުރެކެވެ. މިފަދަ އަމުރެއް ނެރެނީ ވަކި މަންޒިލަކަށް ދަތުރުކުރާ ފްލައިޓްތައް ގިނަވެ، އެ މަންޒިލުގައި ޕާކުކުރާނެ ޖާގަ ނެތް ހާލަތްތަކުގައެވެ.
އެމެރިކަން އެއަރލައިންސްއިން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެއްވެސް ފްލައިޓެއް ކެންސަލްކުރަން ޖެހިފައިނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!