ޝެއިޚް ހަސީނާ އަނބުރާ އެ ގައުމަށް ފޮނުވައިދިނުމަށް އިންޑިއާއަށް ބަނގްލާދޭޝް އިން ބާރުއަޅައިފިއެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް އެދި އިންޑިއާގެ ސަރުކާރަށް ފޮނުވާފައިވާ ޑިޕްލޮމެޓިކް ނޯޓަށް ޖަވާބު ނުލިބިއްޖެނަމަ، ހަނދާންކޮށްދިނުމުގެ ސިޓީއެއް ފޮނުވާނެކަމަށެވެ.

Ad
rt

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މުޙައްމަދު ރަފީޤުލް އާލަމް ވިދާޅުވި ގޮތުގައި، އިންޑިއާގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެ ޤައުމުގެ ޖަވާބަކަށް އިންތިޒާރުކުރާނެ ކަމަށާއި، ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބެއް ނުލިބިއްޖެނަމަ ހަނދާންކޮށްދިނުމުގެ ސިޓީއެއް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހު ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ވަނީ، ނިއު ދިއްލީގައި ހުންނަ އެ ޤައުމުގެ މިޝަން މެދުވެރިކޮށް، ޝެއިޚް ހަސީނާ ޝަރުޢީ އިޖުރާއަތުތަކަށް ޓަކައި އެކްސްޓްރަޑައިޓް ކޮށްދިނުމަށް އެދި ޑިޕްލޮމެޓިކް ނޯޓެއް ފޮނުވާފައެވެ.

ރަފީޤުލް އާލަމް ވިދާޅުވި ގޮތުގައި، ޝެއިޚް ހަސީނާ އަނބުރާ ގެނައުމަށް އަޅާނެ ދެން އޮތް ފިޔަވަޅުތައް ބިނާވާނީ އިންޑިއާގެ ޖަވާބުގެ މައްޗަށެވެ. ނަމަވެސް މިވަގުތު އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ދޭން ބޭނުން ނުވާ ކަމަށާއި، ހާލަތާ މެދު ލަފާކުރަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ މީޑިއާތަކުން ހޯމަ ދުވަހުގެ ރޭ ރިޕޯޓުކުރި ގޮތުގައި، އެ ޤައުމުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއަށް ވަނީ ބަންގްލަދޭޝްގެ ޑިޕްލޮމެޓިކް ނޯޓު ލިބިފައެވެ. ނަމަވެސް އިންޑިއާގެ މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން އެއްވެސް ރަސްމީ ބަޔާނެއް ދީފައެއް ނުވެއެވެ.