ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނީ މި ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން މި އަހަރު ފަތުރުވެރިކަމަށް ކަނޑައެޅި އަމާޒު ކަމުގައިވާ ދެ މިލިއަން ފަތުރުވެރިންގެ އަދަދު ހާސިލުވާނެ ކަމަށް ބެލެވެނީ މި ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 ޕަސެންޓް އިތުރުވެފައެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެ އަދަދަކީ 260,900 އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 216,000 ފަތުރުވެރިންނާއެކު ރަޝިއާއިންނެވެ.
މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއަށް މި މަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 6,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިހާރު ރާއްޖެއަށް 23 ގައުމަކުން 40 އަށްވުރެ ގިނަ އެއާލައިނުން ސީދާ ދަތުރުތައް ކުރާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 172 ރިސޯޓާއި، 920 ގެސްޓްހައުސް އަދި 155 ސަފާރީ އާއި 15 ހޮޓާ ހިމެނޭ ގޮތަށް ޖުމްލަ 1,262 ތަނެއް ހިންގަމުން ގެންދާ ކަމަށާއި، މި ތަންތަނުގައި ފަތުރުވެރިންނަށް 63,118 އެނދު ޚިދުމަތަށް ހުޅުވާލެވިފައިވާ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
ދެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބި، އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!