އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އޯޕަން އޭއައި އަށް 15 މިލިއަން ޔޫރޯ (15.6 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ކޮށްފިއެވެ. މިއީ އެ ކުންފުނީގެ މަޝްހޫރު ޗެޓްބޮޓް ޗެޓްޖީޕީޓީ އިން އަމިއްލަ މަޢުލޫމާތު އެއްކުރާ ގޮތާ ގުޅޭގޮތުން ކުރި ތަޙުޤީޤަކާ ގުޅިގެން ކުރި ޖޫރިމަނާއެކެވެ.
އިޓަލީގެ ޕްރައިވަސީ ވޮޗްޑޮގް ކަމުގައިވާ ގަރަންޓޭ އިން ބުނެފައިވަނީ، އެ ތަޙުޤީޤުން ދައްކާގޮތުގައި އޯޕަން އޭއައި އިން ޗެޓްޖީޕީޓީ ތަމްރީނު ކުރުމަށް ބޭނުންކުރަނީ އެކަށީގެންވާ ޤާނޫނީ އަސާސެއް ނެތި އަދި ހާމަކަން ބޮޑު އުސޫލުތަކާއި ބޭނުންކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޒިންމާ އަދާނުކޮށެވެ.
މި ޖޫރިމަނާ "ނިސްބަތުން ބޮޑު" ކަމަށް ބުނެ އޯޕަން އޭއައި އިން ވަނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.
އެ ކުންފުނީގެ ތަރުޖަމާނެއް ވިދާޅުވީ، 2023 ވަނަ އަހަރު ގަރަންޓޭ އިން އިޓަލީގައި ޗެޓްޖީޕީޓީ ހުއްޓާލުމަށް އެންގި ހިނދު، އެމީހުންނާއެކު މަސައްކަތްކޮށް އެއް މަސް ދުވަސް ފަހުން އަލުން ފެށިކަމަށެވެ. އެމީހުން އޭގެ ފަހުން ޕްރައިވަސީ ރައްކާތެރިކުރުމުގައި އޯޕަންއޭއައިގެ އިންޑަސްޓްރީ ލީޑިންގ އެޕްރޯޗް ބަލައިގަތް ނަމަވެސް، މި ޖޫރިމަނާއަކީ ކަމާ ގުޅޭ މުއްދަތުގައި އިޓަލީން އެކުންފުންޏަށް ލިބުނު އާމްދަނީގެ 20 ގުނައެވެ.
ނަމަވެސް އޯޕަން އޭއައި އިން އިތުރަށް ބުނެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޕްރައިވެސީ އޮތޯރިޓީތަކާއެކު މަސައްކަތްކޮށް، ޕްރައިވެސީ ޙައްޤުތަކަށް އިޙްތިރާމްކުރާ ފައިދާހުރި އާޓިފިޝަލް އިންޓެލިޖެންސް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދެމިތިބޭނެ ކަމަށެވެ.
މިދިޔަ އަހަރު ފެށުނު މި ތަޙުޤީޤުން އިތުރަށް ދައްކާގޮތުގައި، 13 އަހަރުން ދަށުގެ ކުޑަކުދިން އެކަށީގެން ނުވާ އޭއައި އުފައްދާ ކޮންޓެންޓަށް ހުށަހެޅުން ހުއްޓުވުމަށް އެކަށީގެންވާ އުމުރު ޗެކްކުރާ ނިޒާމެއް އޯޕަން އޭއައި އިން ޤާއިމްކޮށްފައި ނުވާކަން ވޮޗްޑޮގް އިން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!