އެމެރިކާގައި ފެޑެރަލް މަރުގެ އަދަބު ކަނޑައަޅާފައިވާ 40 މީހުންގެ ތެރެއިން 37 މީހުންގެ އަދަބު ރައީސް ބައިޑެން ލުއިކޮށްދީފިއެވެ. މި މީހުންގެ އަދަބު ބަދަލުކޮށްފައިވަނީ އުމުރު ދުވަހުގެ ޖަލަށެވެ. މި ނިންމުން ނިންމާފައިވަނީ މަރުގެ އަދަބު ތަންފީޒުކުރުމަށް ތާއީދުކުރާ ޑޮނަލްޑް ޓްރަމްޕް ރިޔާސަތާ ހަވާލުވުމަށް މަދު ހަފްތާތަކަކަށް ވެފައި ވަނިކޮށެވެ.
މި ނިންމުމުގެ ސަބަބުން ފުލުހުންނާއި ސިފައިން މެރުމާއި، ފެޑެރަލް ބިމުގައި މީހުން މެރުމާއި، ބޭންކް ވައްކަމާއި މަސްތުވާތަކެތީގެ މުޢާމަލާތްތަކުގައި ބައިވެރިވުމާއި، ފެޑެރަލް ޖަލުތަކުގައި ގާޑުންނާއި ޤައިދީން މެރުން ފަދަ ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ފުރާނަ ސަލާމަތްވެގެން ދާނެއެވެ.
މިހާރު މަރުގެ އަދަބު ކުރިމަތިވެފައިވަނީ އެންމެ 3 މީހަކަށެވެ. އެއީ 2015 ވަނަ އަހަރު ސައުތު ކެރޮލައިނާގެ ޗާލްސްޓަންގައި ހުރި މަދަރު އެމެނުއެލް އޭއެމްއީ ޗާޗުގައި އެމެރިކާގެ 9 މީހުން މެރި ޑިލާން ރޫފްއާއި، 2013 ވަނަ އަހަރު ބޮސްޓަން މެރަތަން ބޮމްގޮއްވާލި ޖޮހަރު ސަރްނާވްއާއި، 2018 ވަނަ އަހަރު ޕިޓްސްބާގްގެ ޓްރީ އޮފް ލައިފް ސިނަގޯގުގައި 11 މީހުން މަރާލި ރޮބަޓް ބަވަރސްއެވެ.
ރައީސް ބައިޑެން ވިދާޅުވީ އޭނާގެ މަސައްކަތުގެ ދާއިރާގައި އަނިޔާވެރި ކުށްތައް މަދުކުރުމަށާއި އިންސާފުވެރި އަދި ހަރުދަނާ ޢަދުލު އިންސާފުގެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މިއަދު އޭނާ ވަނީ މަރުގެ އަދަބު ލިބިފައިވާ 37 މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލަށް ބަދަލުކޮށްދީފައިވާ ކަމަށެވެ.
މި އަދަބު ލުއިކޮށްދިނުމަކީ އޭނާގެ އިދާރާއިން ފެޑެރަލް މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓުވާލުމަށް ނެރެފައިވާ އަމުރާ އެއްގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބައިޑެން ވިދާޅުވިއެވެ. ނަމަވެސް ޓެރަރިޒަމާއި ނަފްރަތުން ފުރިގެން ގިނަ ބަޔަކު މަރާލުމުގެ މައްސަލަތަކުގައި މި އުސޫލު ނުހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!