ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް އިތުރު ދަޢުވާތަކެއް ކޯޓަށް ހުށަހަޅައިފިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާތަކުގެ ތެރޭގައި ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

Ad
rt

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، ބައްސާމު އެފް.އޭ.އެމްގެ ރައީސްގެ މަޤާމުގައި ހުރިއިރު، އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެފް.އޭ.އެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވެއެވެ. މީގެ ތެރޭގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް އެފް.އޭ.އެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރު ބޭނުންކުރިކަމަށް ތުހުމަތުކުރެވެއެވެ.

މި މައްސަލައާ ގުޅިގެން، ބައްސާމު ޢަދީލް ޖަލީލްގެ އަތުން 1.2 މިލިއަން އެމެރިކާ ޑޮލަރު އަދި އޭނާ ގަތްކަމަށް ބެލެވޭ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ދައުލަތަށް ނަގައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިފައިވެއެވެ.

މި މައްސަލައިގައި ކުރިން ތަޙުޤީޤުކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ 21 ޖަނަވަރީ 2024 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަށްދާކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުންދާ މައްސަލައެއްކަމަށާއި، ތަޙުޤީޤަށް ކުރިއެރުން ލިބޭ ވަރަކުން، ހެކި ޤަރީނާ ވަޒަންކޮށް، މައްސަލާގައި އިތުރު ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

އަދި މި ޢަމަލުތަކުގައި ބައިވެރިވި ކަމަށް ބެލެވޭ އެފް.އޭ.އެމްގެ މުވައްޒަފުންގެ މައްޗަށް ދަޢުވާކުރުމަށްޓަކައި މިހާރު ތައްޔާރުވަމުންދާކަމަށްވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ދަޢުވާ ސާބިތުވެއްޖެނަމަ، 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިދާނެއެވެ. އަދި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ، 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލާގައި ބައްސާމުގެ މައްޗަށް ކުރިންވެސް ވާނީ މަނީ ލޯންޑްރިންގއާ ޚިޔާނާތްތެރި ވުމުގެ ދަޢުވާ ކޮށްފައެވެ. މިއީ މުޅީން އައު ދަޢުވާތަކެއްކަމަށް އޭޖީ އޮފީހުން ބުނެއެވެ.