އޮސްޓްރޭލިޔާއަށް ބޯކޮށް ވާރޭވެހި ވިދާ ގުގުރާ، ގަނޑުފެނުގެ ތޫފާނަކާއި ވެލީގެ ތޫފާނެއް އަރައިފިއެވެ.

މޫސުމީ މިހުރިހާކަމެއް އެގައުމުގެ ތަފާތު އެކި ހިސާބުތަކަށް ދިމާވެފައި މިވަނީ އެއްދަވަހަކުއެވެ. އެގައުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭތާ ދެހަފްތާ ވަރުވެފައި ވާއިރު ގަނޑުފެނުގެ ތޫފާނާއި ވެލީގެ ތޫފާން އަރާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

Ad
rt

ދުނިޔޭގެ ދެކުނު ބިތުގެ ހޫނު މޫސުމުގެ އެންމެ ހޫނުގަދަ ދުވަސްވަރާއި ދިމާކޮށް މިދިޔަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިޔާގެ ޖަންގަލީތަކުގައި ފެތުރުނު ބިޔަ އަލިފާން ގަޑު މައިތިރި ވެފައިވަނިކޮން އަނެއްކާވެސް މިވަނީ މޫސުމީ ބޮޑު ގޮންޖެހުމަކާއި އެގައުމުގެ ރައްޔިތުން ކުރިމަތިލާން ޖެހިފައެވެ.

އެގައުމުގެ އެކި ސިޓީތަކަށް ގަނޑުފެނުގެ ވާރޭ ވެހިފައިވާއިރު މެލްބަރޮންސް އަދި ސިޑްނީއަށް ވެސް މިތޫފާނުގެ އަސަރުވަނީ ކޮށްފައެވެ. އާންމު ދިރިއުޅުމުގެ ކަންކަމަށް ބުރޫއަރާ އެކިވަރުގެ ގެއްލުންތައްވަނީ ވެފައިވާއިރު ބައެއް ސަރަހައްދުތަކަށް ގަދަ ވަޔާއި އެކު ވެހިފައިވާ ގަނޑުފެނުގެ ބޮޑުމިން ކުރިކެޓް ބޯޅަ އަކާއި އެއްވަރެވެ.

އޮސްޓްރޭލިޔާގެ ގެ ރައްޔިތުން ގަނޑުފެނުގެ ތޫފާނާއި ހަނގުރާމަ ކުރަމުން ދިޔައިރު ހަނަފަސް ސަރަހައްދުތަކަށް ވަނީ ވެލީގެ ބޮޑު ތޫފާނެއް އަރާފައެވެ.

ހަލުވި ދުވެލީގައި ދަތުރު ކުރަމުންދިޔަ ވެލީގެ ބިޔަ ވިލާގަނޑުގެ ތެރެއިން ނަގާފާއިވާ ބަޔެއް ވީޑިއޯތައް ވަނީ އާންމުކޮށްފައެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު ސިޑްނީގެ ސަރަހައްދަކަށް ގަދަޔަށް ވިދާ ގުގުރާ ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ހާދިސާތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ބަޔެއް ސަރަހައްދުތަކަށް ބޯކޮން ވާރޭވެހި މޫސުމީ އެކިއެކި ހާދިސާ ތަކާއި ގުޅިގެން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.