ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަސް އަހަރުތެރޭ 500،000 ގަސް އިންދުމަށް ނިންމާ ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 52،000 އަށް ވުރެ ގިނަ ގަސް އިންދައިފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނެފައިވަނީ ސަރުކާރުގެ 'ފަސް އަހަރުން ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ޙަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި 52،334 ގަސް އިންދާފައިވާ ކަމަށެވެ.

Ad
rt

މި މަސައްކަތުގެ ދަށުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތްތައް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. މި ޕްރޮގްރާމަކީ ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް "ކޮޕް28" ގައެވެ. މި ޕްރޮގްރާމް މާލޭގެ އިތުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމާއި، ރާއްޖޭގެ ރީތިކަން އިތުރުކުރުމެވެ.