ގޭގޭގައި ކަރަންޓު އުފެއްދުމަށް އައު އީޖާދެއް އެމެރިކާގެ ސައިންސްވެރިން ހޯދައިފިއެވެ. މިހާތަނަށް އަމިއްލަ ބޭނުމަށް ކަރަންޓު އުފެއްދުމަށް ބޭނުންކުރަމުން އައި ސޯލާ ޕެނަލްތަކުގެ އިތުރުން، އޯ-ވިންޑް ޓާބައިން ނަމަކަށް ކިޔާ އާ އީޖާދެއް ވަނީ ތަޢާރަފުވެފައެވެ.
ގޯތިގެދޮރާއި ޢިމާރާތްތަކުގެ ބެލްކަނީގައި ބެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ މި ޓާބައިނަކީ 25 ސެންޓިމީޓަރުގެ ބޯޅައެކެވެ. މި ޓާބައިނުން ހުރިހާ ދިމާލަކުން އަންނަ ވައިން ހަކަތަ އުފެއްދޭނެއެވެ. އަދި އިރުގެ އަލިކަން ނެތް ވަގުތުތަކުގައި ވެސް ކަރަންޓު އުފެއްދޭނެއެވެ.
މި އާ ޓެކްނޮލޮޖީ ވަނީ ނާސާއިން މާސްގެ މިޝަންތަކަށް ފަރުމާކުރި ޓެކްނިކަލް ހައްލަކަށް ބިނާކޮށް ތައްޔާރުކޮށްފައެވެ. އާންމު ވައި ޓާބައިންތަކާ ޚިލާފަށް، މި ޓާބައިނަށް ވަކި ދިމާލަކަށް އަނބުރާކަށް ނުޖެހެއެވެ.
މި އައު އީޖާދުގެ ސަބަބުން ޚާއްޞަކޮށް ބޮޑެތި ސިޓީތަކާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކަރަންޓު އުފެއްދުމަށް އައު މަގެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ގޭގޭގައި އަމިއްލައަށް ކަރަންޓު އުފައްދައި، ހަކަތައިގެ މިނިވަންކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!