ބައިޑެންގެ ވެރިކަން ނިމުމުގެ ކުރިން އެމެރިކާގެ އިތުރު 55،000 ދަރިވަރެއްގެ ސްޓޫޑެންޓް ލޯނު މަޢާފުކޮށްދީފިއެވެ.

މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިދާރާއިން އިތުރު 55،000 ދަރިވަރުންގެ ސްޓޫޑެންޓް ލޯނު މަޢާފުކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން މަޢާފުކުރެވޭ ލޯނުގެ ޖުމްލަ އަދަދަކީ 4.2 ބިލިއަން ޑޮލަރެވެ. މި ނިންމުމުގެ ސަބަބުން ފައިދާ ކުރާނީ މުދައްރިސުންނާއި، ނަރުހުންނާއި އަދި ޤާނޫނު ތަންފީޒުކުރާ އޮފިސަރުން ފަދަ ސަރުކާރުގެ މުވައްޒަފުންނަށެވެ.

Ad
rt

ބައިޑެންގެ ރިޔާސީ ދައުރުގައި މިހާތަނަށް ގާތްގަނޑަކަށް 5 މިލިއަން އެމެރިކާ ރައްޔިތުންނަށް ސްޓޫޑެންޓް ލޯނު މަޢާފުކޮށްދީފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް ވިޔަފާރި ފަށައި، ރިޓަޔަރމަންޓަށް ފައިސާ ރައްކާކޮށް، އަދި ލޯނުގެ ސަބަބުން ފަސްކުރަން ޖެހުނު އެހެނިހެން ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވައިޓް ހައުސްއިން ފާހަގަކޮށްފައިވެއެވެ.

އެޑިއުކޭޝަން ޑިޕާޓްމަންޓުން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިޑެންގެ އިދާރާއިން ޖުމްލަ 180 ބިލިއަން ޑޮލަރުގެ ސްޓޫޑެންޓް ލޯނު މަޢާފުކޮށްދީފައިވާ ކަމަށެވެ. މިއީ ބައިޑެންގެ ވެރިކަން ނިމުމުގެ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް ލޯނު މަޢާފުކޮށްދޭ އެންމެ ފަހުގެ ބުރު ކަމަށް ބެލެވެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރައީސް ބައިޑެން ވަނީ 2022 ވަނަ އަހަރު ސަތޭކަ ބިލިއަން ޑޮލަރުގެ ސްޓޫޑެންޓް ލޯނު މަޢާފުކޮށްދިނުމުގެ ޕްރޮގްރާމެއް ތަޢާރަފުކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާރު މި ވަނީ ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުންނަށް ލޯނު މަޢާފުކޮށްދީފައެވެ.