ޕާކިސްތާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކާމެދު ޕާކިސްތާނުން ފާޑުކިޔައިފިއެވެ.

އެމެރިކާ ސަރުކާރުން އަޅާފައިވާ އައު ފިޔަވަޅުތަކަކީ "ތަފާތުކުރުން ގެންގުޅޭ" ފިޔަވަޅުތަކެއް ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ސަރަޙައްދުގެ ސުލްޙައާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ޕާކިސްތާނުން ބުނެއެވެ.

Ad
rt

ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފިޔަވަޅުތަކަކީ"އެ ސަރަޙައްދާއި އޭގެ ބޭރުގެ ސްޓްރެޓެޖިކް ސްޓެބިލިޓީއަށް ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ" ފިޔަވަޅުތަކެއް ކަމަށެވެ. އަދި މީގެ ކުރިން އެޅި ފިޔަވަޅުތައް "އެއްވެސް ހެއްކެއް ނެތި، ހަމައެކަނި ޝައްކާއި ވަހުމުގެ މައްޗަށް ބިނާކޮށް" އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ބުނެ، އަމާޒުކުރެވުނު ވިޔަފާރިތަކުން ހަތިޔާރު އުފެއްދުމުގައި ބައިވެރިވާ ކަމަށް އެމެރިކާއިން ކުރާ ތުހުމަތުތަކާމެދު ޝައްކު އުފައްދާފައިވެއެވެ.

އެހެން ޤައުމުތަކަށް ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ލައިސަންސް ކުރުމުގެ ޝަރުޠުތަކުން އިސްތިސްނާ ދީފައިވާތީ، އެމެރިކާއިން "ދެފުށް ދެގޮތް ސިޔާސަތެއް" ގެންގުޅޭ ކަމަށްވެސް ޕާކިސްތާނުން ތުހުމަތުކޮށްފައިވެއެވެ. މި ފިޔަވަޅުތަކުގެ ދަށުން އަމާޒުކުރެވުނު ވިޔަފާރިތަކުގެ އެމެރިކާގައި ހުރި މުދާ ހިފެހެއްޓި، އެމެރިކާގެ ރައްޔިތުން އެ ވިޔަފާރިތަކާއެކު މުޢާމަލާތް ކުރުން މަނާކުރެވިފައިވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ ފިޔަވަޅު އެޅުނު ފަރާތްތަކުގެ ތެރެއިން އެއް ފަރާތް ކަމަށްވާ އިސްލާމްއާބާދުގައި ހުންނަ ނޭޝަނަލް ޑިވެލޮޕްމަންޓް ކޮމްޕްލެކްސްއިން ޕާކިސްތާނުގެ ދުރު ރާސްތާ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ތަރައްޤީކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ ތެރޭގައި ޝާހީން ސީރީޒްގެ ބެލިސްޓިކް މިސައިލްތައް ހިމެނެއެވެ.

ފިޔަވަޅު އެޅުނު އެހެން ފަރާތްތަކުގެ ތެރޭގައި އަޚްތަރު އެންޑް ސަންސް ޕްރައިވެޓް ލިމިޓެޑް، އެފިލިއޭޓްސް އިންޓަނޭޝަނަލް އަދި ރޮކްސައިޑް އެންޓަޕްރައިޒް ހިމެނެއެވެ.

ޕާކިސްތާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ އެ ޤައުމުގެ ޤައުމީ ދިފާޢީ ސިޔާސަތުގެ މުހިންމު ބައެއްގެ ގޮތުގައި ފާހަގަކުރެއެވެ. 1980 ގެ އަހަރުތަކުގެ ތެރޭގައި ފެށުނު މި ޕްރޮގްރާމް، ޚާއްޞަކޮށް އިންޑިއާގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތަކަށް ޖަވާބު ދިނުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުން، ޚާއްޞަކޮށް އެމެރިކާއިން، މި ޕްރޮގްރާމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އައިސްފައިވެއެވެ. މީގެ ތެރޭގައި އިޤްތިޞާދީ ފިޔަވަޅުތަކާއި ޓެކްނޮލޮޖީ ބަދަލުކުރުމުގެ މައްޗަށް ހުރަސްތައް އެޅުން ހިމެނެއެވެ. މި ފަދަ ފިޔަވަޅުތަކުގެ ސަބަބުން ޕާކިސްތާނާއި އެމެރިކާގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތަކަށް އަސަރުކޮށް، ސަރަޙައްދީ ސްޓްރެޓެޖިކް ބެލެންސަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.