ގަތަރުގެ ދޯހާގައި ރޭ ކުޅުނު އިންޓަކޮންޓިނެންޓަލް ކަޕް މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ޗެމްޕިއަންކަން ހޯދައިފިއެވެ. ރެއާލުން މި ތަށި އުފުލައިލީ މެކްސިކޯގެ ޕަޗޫކާގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދައިގެނެވެ.
އަންނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް 32 ޓީމާ އެކު، ފަށަން ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާއިން ނިންމާފައިވާތީ، އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕް މި ފަހަރު ވަނީ އިންޓަކޮންޓިނެންޓަލް ކަޕަށް ބަދަލުކޮށްފައެވެ.
ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލް މެޗު ވެސް ކުޅުނު ލުސައިލް ސްޓޭޑިއަމްގައި ރޭ ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ރެއާލުން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި އެމްބާޕޭ ނުކުޅުނު ނަމަވެސް ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން އޭނާ ވަނީ ކުޅެފައެވެ.
ރޭ މެޗުގައި ރެއާލުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ވެސް އެމްބާޕޭއެވެ. މެޗުގެ 37 ވަނަ މިނެޓުގައި ގޯލް ކީޕަރު ވެސް ނައްޓާލުމަށް ފަހު މި ލަނޑުޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ވިނީޝިއަސްއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ރެއާލަށް ދެވަނަ ލަނޑު ޖަހައިދިނީ ރޮޑްރިގޯއެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީކަނަށެވެ. ރެއާލުން ޖެހި ތިންވަނަ ލަނޑު 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ވިނީއެވެ.
ފީފާ އިން ނިންމާފައިވަނީ، އިންޓަކޮންޓިނެންޓަލް ކަޕް ކޮންމެ އަހަރެއްގައި ބާއްވާއިރު، ފަސް ބައްރުގެ ޗެމްޕިއަނުން ކުޅޭ ފޯމެޓަށް މި މުބާރާތް ގެންދިއުމަށެވެ. އެހެންކަމުން، މި ތަށި އެންމެ ފުރަތަަމަ މި ހޯދީ ދުނިޔޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކްލަބް ރެއާލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!