ސުކީ އާއި ގޫގުލް ކްލައުޑް ގުޅިގެން ޑޮކްޓަރުންނަށް އެހީތެރިވާ އާޓިފިޝަލް އިންޓެލިޖެންސް ޚިދުމަތްތައް ފުޅާކުރަން ނިންމައިފިއެވެ.
ހެލްތްކެއަރ އާޓިފިޝަލް އިންޓެލިޖެންސް ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ ސުކީ އިން ވަނީ ގޫގުލް ކްލައުޑާ އެކު އައު އެއްބާރުލުމެއް ފަށާ ވާހަކަ އިއުލާނުކޮށްފައެވެ. މި އެއްބާރުލުމުގެ ދަށުން ސުކީ އިން ވަނީ ގޫގުލް ކްލައުޑްގެ ވަރޓެކްސް އޭއައި ޕްލެޓްފޯމް ބޭނުންކޮށްގެން ބަލިމީހުންގެ ޚުލާސާ އަދި ސުވާލާއި ޖަވާބުގެ ޚިދުމަތްތަކެއް ތައްޔާރުކުރަން ފަށާފައެވެ.
ސުކީގެ މައިގަނޑު އުފެއްދުމެއް ކަމަށްވާ ސުކީ އެސިސްޓަންޓް އަކީ ޑޮކްޓަރުންނަށް ބަލިމީހުންނާ ބައްދަލުކުރާ ވަގުތު ރެކޯޑުކޮށް، އެ މައުލޫމާތު އޮޓޮމެޓިކުން ކްލިނިކަލް ނޯޓްތަކަކަށް ބަދަލުކޮށްދޭ ޚިދުމަތެކެވެ. މިގޮތުން ޑޮކްޓަރުންނަށް އަތުން އެ ހުރިހާ މައުލޫމާތެއް ލިޔަން ޖެހުމުގެ ބުރަ ކުޑަކޮށްދެއެވެ.
ގޫގުލް ކްލައުޑާއެކު ތައާރަފުކުރާ އައު ޚިދުމަތްތަކުގެ ސަބަބުން ސުކީ އަށް ޑޮކްޓަރުންނަށް ބަލިމީހުންނަށް ފަރުވާދޭއިރު އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިސާލަކަށް ޑޮކްޓަރުންނަށް ސުކީގެ ޕްލެޓްފޯމް މެދުވެރިކޮށް ބަލިމީހުންގެ މެޑިކަލް ހިސްޓްރީ އާ ގުޅޭ ސުވާލުތައް އަވަހަށް ކުރެވި، އެ މައުލޫމާތު ހޯދޭނެއެވެ.
މި އައު އެއްބާރުލުމަކީ 7 އަހަރު ކުރިން އުފެދުނު ސުކީ ކުންފުނީގެ ކުރިމަގުގެ އައު ހަރުފަތެއް ކަމުގައި އެ ކުންފުނީގެ ބާނީ އަދި ސީއީއޯ ޕުނިޓް ސޯނީ ވިދާޅުވިއެވެ. ކުރިން ގޫގުލްގައި މަސައްކަތްކުރެއްވި ސޯނީ ވިދާޅުވީ ސުކީ އަކީ ހަމައެކަނި ކްލިނިކަލް ޑޮކިއުމެންޓޭޝަން ޓޫލެއް ނޫން ކަމަށާއި، އެއީ ޑޮކްޓަރުންނަށް އެހީތެރިވެދޭ އެސިސްޓަންޓެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!