ސީރިއާގައި ދިގު މުއްދަތެއްގައި ވެރިކަންކުރި ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، ދިމިޝްގު އެއާޕޯޓުން ފުރަތަމަ ވިޔަފާރި ފްލައިޓް ފުރައިފިއެވެ.
ބުދަ ދުވަހު 43 ފަސިންޖަރުންނާއެކު، ނޫސްވެރިންގެ ގްރޫޕެއް ހިމެނޭ ގޮތަށް، މި ފްލައިޓް އުތުރުގައިވާ އަލެޕޯއަށް ޖައްސާފައިވެއެވެ. އަސަދަށް ތާއީދުކުރާ ބާރުތަކުން ޑިސެމްބަރު 8 ގައި ވަނީ ވެރިރަށުގެ އެއާޕޯޓު ދޫކޮށްލާފައެވެ. އެއީ ނޮވެމްބަރު 27 ގައި ފެށުނު އަވަސް ހަމަލާއެއްގައި އިދިކޮޅު ހަނގުރާމަވެރިން ވެރިރަށާ ކައިރިވުމާ ގުޅިގެންނެވެ. އޭގެ ފަހުން، ސަލާމަތީ ސަބަބުތަކާ ހުރެ އެ އެއްވެސް ފްލައިޓެއް ފުރާ ނުވަތަ ޖައްސާފައެއް ނުވެއެވެ.
މި ހަފްތާގެ ކުރީކޮޅު، އެއާޕޯޓުގެ މުވައްޒަފުން ވަނީ މަތިންދާބޯޓުތަކުގައި އިދިކޮޅު ފަރާތްތަކުގެ ތިން ތަރީގެ ދިދަ ކުލަ ޖައްސާފައެވެ. މިއީ 2011 ގެ އިންގިލާބުގެ ނިޝާނެއްގެ ގޮތުގައި މިހާރު ވަގުތީ ވެރިކަމުން ބޭނުންކުރާ ނިޝާނެކެވެ. ޓާމިނަލް އެތެރޭގައިވެސް، އަސަދުގެ ސަރުކާރާ ގުޅުންހުރި ދިދައިގެ ބަދަލުގައި މި އައު ދިދަ ވަނީ ބަހައްޓާފައެވެ. އަސަދު މިހާރު ވަނީ ރަޝިއާއަށް ފިލާފައެވެ.
އެއާޕޯޓުގެ އިސް މުވައްޒަފެއް އޭ.އެފް.ޕީ ނޫސް އޭޖެންސީއަށް ނަން ހާމަނުކުރާ ގޮތަށް ބުނެފައިވަނީ، މަރާމާތުގެ މަސައްކަތްތަކެއް ނިންމުމަށްފަހު، ޑިސެމްބަރު 24 ގައި ބައިނަލްއަގުވާމީ ފްލައިޓްތައް އަލުން ފެށޭނެ ކަމަށެވެ.
އަދި މީގެ އިތުރުން، އަވައްޓެރި އުރުދުން އިން ވަނީ ވިޔަފާރީގެ ބޭނުމަށް ޖާބަރު ބޯޑަރ ކްރޮސިންގ އަލުން ހުޅުވާލާފައެވެ. މިއާއެކު ދެ ގައުމުގެ ދެމެދުގައި މުދަލާއި ފްރެއިޓް ޓްރެފިކް އަލުން ވަނީ ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!