ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރި ފަހުން، އެކަން ކުރި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މިއީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރުމުގެ ސަބަބުން ޖޫރިމަނާކުރެވުނު ފުރަތަމަ ފަހަރެވެ.
މިދިޔަ އާދިއްތަ ދުވަހު އަމަލުކުރަން ފެށި މި ގާނޫނުގައިވާ ގޮތުން ވޭޕާއި އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، އިއްޔެގެ ނިޔަލަށް މި ގާނޫނާ ހިލާފުވެގެން ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. ކޮންމެ މީހަކު 5،000 ރުފިޔާގެ ރޭޓުން ޖުމްލަ 20،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ނަގާފައިވާ ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ކުރެވޭ މީހުންނަށް އެކަމުގެ މައުލޫމާތު އަންގާނީ މޯބައިލް ފޯނަށް ފޮނުވާ ކުރު މެސެޖަކުންނެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމަނާފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި އައު ގާނޫނުގެ ދަށުން، ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
މީގެ އިތުރުން، ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. ހިލޭ ބަހައިފި ނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. ޚާއްސަކޮށް، އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000 ރުފިޔާއަށް ބޮޑުވާނެއެވެ.
މި އައު ގާނޫނުގެ ސަބަބުން، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަދުވެ، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ދަށްވާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!