ރަޝިޔާއިން ކެންސަރު ވެކްސިން އެއް ތައްޔާރުކޮށްފި ކަމަށާއި، 2025 ގައި މުޅި ދުނިޔެއަށް އެ ވެކްސިން ހިލޭ ދޫކުރާނެކަމަށް އެގައުމުން ބުނެފިއެވެ.
ރަޝިޔާގެ ސިއްހީ ވުޒާރާއިން ބުނީ މި ވެކްސިނަކީ ކެންސަރު ބަލި ޖެހުނު މީހުންނަށް ފަރުވާގެ ގޮތުގައި ދެވޭނެ އެއްޗެއް ކަމަށެވެ.
ރަޝިޔާގެ ސިއްހީ ވުޒާރާގެ ދަށުން ހިންގާ ރޭޑިއޮލޮޖީ މެޑިކަލް ރިސާރޗް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް އެންޑްރޭ ކަޕްރިން ވަނީ ރަޝިޔާއިން އަމިއްލައަށް ތައްޔާރުކުރި އެމްއާރްއެންއޭ ވެކްސިނެއް ހިލޭ ދޫކުރާނެ ކަމަށް ބުނެފައެވެ. މި މައުލޫމާތު ދީފައިވަދީފައިވަނީ ރަޝިޔާގެ ޓާސް ނިއުސް އޭޖެންސީއަށެވެ.
މި ވެކްސިން އާންމުކޮށް ބޭނުންކުރަން ފެށޭނީ 2025 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް ލަފާކުރެވެއެވެ. ގަމަލޭޔާ ނެޝަނަލް ރިސާރޗް ސެންޓަރ ފޮރ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބައޮލޮޖީގެ ޑިރެކްޓަރ އަލެކްސެންޑަރ ގިންޓްސްބާރގް ޓާސްއަށް ބުނެފައިވަނީ މި ވެކްސިންގެ ޕްރީ-ކްލިނިކަލް ޓްރަޔަލްތަކުން ދައްކާގޮތުގައި މި ވެކްސިނުން ޓިއުމަރު ބޮޑުވުމާއި މެޓަސްޓަސީސް ފެތުރުން ހުއްޓުވައެވެ.
މީގެ ކުރިން، ރަޝިޔާގެ ރައީސް ވްލަދިމީރ ޕުޓިން ވަނީ ރަޝިޔާގެ ސައިންޓިސްޓުން ކެންސަރު ވެކްސިނެއް ތައްޔާރުކުރުމާ ވަރަށް ކައިރިވެފައިވާ ކަމަށާއި، އަދި އެ ވެކްސިން ބަލިމީހުންނަށް ލިބޭނެ ކަމަށް ބުނެފައެވެ. "އަޅުގަނޑުމެން ވަނީ ކެންސަރު ވެކްސިންތަކާއި އައު ޖީލުގެ އިމިއުނޯމޮޑިއުލޭޓަރީ ބޭސްތައް ތައްޔާރުކުރުމާ ވަރަށް ކައިރިވެފައި،" ޕުޓިން ފެބްރުއަރީ މަހު ޓީވީއަށް ދެއްކި ވާހަކައެއްގައި ބުނެފައިވެއެވެ.
މި ވެކްސިނުން ފަރުވާކުރެވޭނީ ކޮން ކެންސަރުތަކަކަށްކަން އަދި މި ވެކްސިންގެ ނަމަކީ ކޮބައިކަން އަދި ސާފެއް ނުވެއެވެ. އެހެން ގައުމުތަކުންވެސް މިފަދަ މަސައްކަތްތައް ކުރަމުންދެއެވެ. މިސާލަކަށް، ބްރިޓިޝް ސަރުކާރުން ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުންޏާއެކު އެކި މީހުންނަށް ޚާއްސަކޮށްގެން ކެންސަރު ފަރުވާތައް ތައްޔާރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ނިއުސްވީކުން ރިޕޯޓުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!