ސީރިއާގެ ކުރީގެ ރައީސް ބަޝާރު އަލް އަސަދު އޭނާގެ ވެރިކަން ވައްޓާލުމަށްފަހު ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެއްފިއެވެ. މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަސަދު ބުނެފައިވަނީ ރަޝިއާއިން އޭނާ ގެންދިޔުމުގެ ކުރިން އަދިވެސް ބަޣާވާތްތެރިންނާ ހަނގުރާމަ ކުރަން ގަސްދުކޮށްފައި އޮތް ކަމަށެވެ.

އަސަދުގެ ވެރިކަން ވައްޓާލިތާ އެއް ހަފްތާއަށްވުރެ ގިނަ ދުވަސްވުމަށްފަހު، ސީރިއާގެ ރިޔާސީ ޓެލެގްރާމް ޗެނަލްގައި ކުރި މި ޕޯސްޓަކީ އޭނާ އާންމުކޮށް ކުރި ފުރަތަމަ ބަޔާނެވެ.

Ad
rt

މި ބަޔާނުގައި އަސަދު ބުނެފައިވަނީ ޑިސެމްބަރު 8 ވަނަ ދުވަހު އޭނާގެ ސަރުކާރު ވެއްޓުނު ދުވަހުގެ އަނެއް ދުވަހު ރަޝިއާއަށް ފުރާފައިވާ ކަމަށެވެ. އަދި މި ހާދިސާތަކުގެ ތެރޭގައި އެއްވެސް ވަގުތެއްގައި ވެރިކަމުން ފައިބަން ނުވަތަ ހިމާޔަތަށް އެދުމަށް ވިސްނާފައި ނުވާ ކަމަށާއި، ހަމައެކަނި ވިސްނުން ބެހެއްޓީ "ޓެރަރިސްޓުންގެ ހަމަލާތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް" ކަމަށް ބުނެފައިވެއެވެ.

އަސަދު ދިމިޝްޤުން ފުރާފައިވަނީ ގައުމުގެ އެކި ކަންކޮޅުތަކުގައި ވެރިކަމާ ދެކޮޅު ބާރުތަކުން ކުއްލި ހަމަލާތަކެއް ދިނުމަށްފަހު، އޭނާގެ 24 އަހަރުގެ ވެރިކަން ކުއްލިއަކަށް ނިމުމަކަށް އައުމާ ގުޅިގެންނެވެ.

އަސަދު ބުނެފައިވަނީ ބަޣާވާތްތެރިން ދިމިޝްޤަށް ވަދެ، ރަޝިއާގެ ބާރުތަކާ ގުޅިގެން ލާޒިޤިއްޔާ ޕްރޮވިންސްގައި ހުރި ރަޝިއާގެ އަސްކަރީ ބޭސްއަށް ގެންދެވެންދެން ދިމިޝްޤުގައި "ވާޖިބު އަދާކުރަމުން" ހުރި ކަމަށެވެ.