އަސަދުގެ ވެރިކަމަށް ފަހު ސީރިއާގެ ސިޔާދަތާއި ސަރަޙައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ތުރުކީއާއި ޔޫރަޕިއަން ޔޫނިއަން އެއްބަސްވެއްޖެއެވެ.
ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާން މިއަދު ވިދާޅުވެފައިވަނީ އަސަދުގެ ވެރިކަމަށް ފަހު ސީރިއާގެ ސިޔާދަތާއި ސަރަޙައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ތުރުކީއާއި ޔޫރަޕިއަން ޔޫނިއަން އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން އެ ޤައުމުގައި އެންމެން ޝާމިލްވާ ސަރުކާރެއް ޤާއިމުކުރުމަށްވެސް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންކާރާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އުރުދުޣާން މިހެން ވިދާޅުވީ ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ދަރ ލެޔަން އާ އެކުގައެވެ. މި ބައްދަލުވުމުގައި ސީރިއާގެ އެންމެ ފަހުގެ ކަންތައްތަކާ ބެހޭގޮތުން ތަފްސީލުކޮށް މަޝްވަރާކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
61 އަހަރު ދުވަހުގެ ބާތު ސަރުކާރުގެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ސަބަބުން ސީރިއާ ވަނީ "ބޮޑު ބަރުބާދެއްގެ" ތެރެއަށް ވެއްޓިފައި ކަމަށް ރައީސް އުރުދުޣާން ވިދާޅުވިއެވެ. އަދި 13 އަހަރުގެ ހަނގުރާމައިގެ ސަބަބުން އެއް މިލިއަން މީހުން މަރުވެ، އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ބުރަ ލޯޑު ސީރިއާގެ ރައްޔިތުންނަށް އެކަނި އުފުލާކަށް ނުކުޅެދޭނެ" ކަމަށް ވިދާޅުވެ، އަވަށްޓެރި ޤައުމުތަކާއި ޔޫރަޕިއަން ޔޫނިއަނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ސީރިއާ އަލުން ބިނާކުރުމަށް ވަރުގަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ރައީސް އުރުދުޣާން ގޮވާލެއްވިއެވެ.
މީގެ އިތުރުން، ތުރުކީން ފާއިތުވި ހަފްތާ ބަންދުގައި ސީރިއާގައި އަލުން އެމްބަސީ ހުޅުވި ވާހަކަ ފާހަގަކުރައްވައި، ސީރިއާގެ ރައްޔިތުންނަށް ތުރުކީގެ އެހީތެރިކަން ލިބޭނެކަން އުރުދުޣާން ތަކުރާރުކޮށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!