ތުރުކީގެ އެމްބަސީ 12 އަހަރަށް ފަހު ސީރިއާގެ ވެރިރަށް ދިމިޝްޤުގައި އަލުން ހުޅުވައިފިއެވެ. މިގޮތުން ހޮނިހިރު ދުވަހު އެމްބަސީގައި ތުރުކީގެ ދިދަ ނަގައި، އެމްބަސީގެ މަސައްކަތްތައް ފަށައިފިއެވެ.
2012 ވަނަ އަހަރު މަސައްކަތް ހުއްޓާލާފައިވާ މި އެމްބަސީގައި މިހާރު ވަގުތީ އިންޗާޖެއްގެ ގޮތުގައި ހުންނަވާނީ ތުރުކީން މޮރިޓޭނިއާއަށް ކަނޑައަޅާފައިވާ ސަފީރު ބުރުހާން ކޮރޯގްލޫއެވެ. މި މަޤާމަށް އޭނާ ކަނޑައަޅާފައިވަނީ ބުރާސްފަތި ދުވަހު ތުރުކީގެ ފޮރިން މިނިސްޓަރ ހަކާން ފިދާންއެވެ.
ދިމިޝްޤުގެ ރައުދާ ސްކުއެއަރ ކައިރީގައި ހުންނަ މި އެމްބަސީ ވަނީ 2011 ވަނަ އަހަރު ސީރިއާގެ ސަރުކާރުން ސުލްހަވެރި މުޒާހަރާތަކަށް އަނިޔާވެރިކޮށް ދެކޮޅުހެދުމާ ގުޅިގެން 2012 ވަނަ އަހަރުގެ މާރިޗު 26 ވަނަ ދުވަހު އެމްބަސީގެ މަސައްކަތްތައް ހުއްޓާލާފައެވެ. އޭގެ ފަހުން އެމްބަސީގެ މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތައް ތުރުކީއަށް އެނބުރި ދިޔައީއެވެ.
މި މަހުގެ ކުރީކޮޅު ބަޝާރު އަލްއަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، އިސްތަންބޫލްގައި ހުރި ސީރިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
ތުރުކީގެ ނައިބު ރައީސް ޖެވްދެޓް ޔިލްމަޒް ވިދާޅުވީ، "12 އަހަރަށްފަހު ތުރުކީގެ ދިދަ ނަގައި، ދިމިޝްޤުގައި ހުރި އެމްބަސީގެ މަސައްކަތްތައް އަލުން ފެށުނު ތަން ފެނުމުން އުފާވެއްޖެ" ކަމަށެވެ. އަދި "އެމްބަސީ އަލުން ހުޅުވުމަކީ ސީރިއާގެ ސްޓެބިލިޓީއަށާއި، އަދި މި ސަރަޙައްދުގައި ސުލްޙައާއި އެއްބާރުލުން އިތުރުކުރުމަށް ތުރުކީން ކުރާ މަސައްކަތުގެ ހެޔޮ ހެއްކެއް" ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!