ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް މަގާމުން ވަކިކުރަން އެގައުމުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއީ އޭނާ ޢަޒުލު ކުރުމަށް ނެގުނު ދެވަނަ ވޯޓެވެ.
މި ވޯޓު ނެގުނީ އޭނާ މާޝަލް ލޯ (އަސްކަރީ ޤާނޫނު) ތަންފީޒު ކުރަން އުޅުނު ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ހުށަހެޅި ހުށަހެޅުމަކަށެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށް ކޮންސްޓިޓިއުޝަނަލް ކޯޓަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ރައީސް ޔޫން މަޤާމުން ވަކިކޮށްފިނަމަ އަވަސް އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
މިހާރު ވަގުތީ ރައީސެއްގެ ގޮތުގައި ހުންނެވީ ބޮޑުވަޒީރު ހާން ޑަކް-ސޫއެވެ. އޭނާ ވިދާޅުވީ ސަރުކާރު ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އުތުރު ކޮރެއާއިން އެއްވެސް ކަހަލަ ޕްރޮވޮކޭޝަނެއް ނުކުރެވޭނެ ގޮތަށް ތައްޔާރުވެ ތިބުމަށް އެދިވަޑައިގެންނެވިއެވެ.
މި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ސިފައިންގެ ގިނަ އަދަދެއްގެ އިސްވެރިން ވަނީ މަޤާމުން އިސްތިއުފާ ދީފައެވެ. އަދި ބައެއް ފަރާތްތައް ވަނީ ހައްޔަރުކޮށްފައެވެ. މިކަމުގެ ސަބަބުން ދެކުނު ކޮރެއާގެ ދިފާއީ ބާރު ދެރަވެދާނެ ކަމުގެ ބިރު އެބައޮތެވެ.
ރައީސް ޔޫންއަކީ ދެކުނު ކޮރެއާގެ ތާރީޚުގައި ޢަޒުލު ކުރެވުނު ދެވަނަ ކޮންޒަވެޓިވް ރައީސެވެ. މީގެ ކުރިން 2017 ވަނަ އަހަރު ރައީސް ޕާކް ގޫން-ހެ ވެސް ވަނީ ރައީސް ކަމުން ޢަޒުލު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!