އަފްޣާނިސްތާނުގެ ވަގުތީ ސަރުކާރުގެ ރެފިއުޖީންގެ ވަޒީރު ޚަލީލް އުރް-ރަޙްމާން ޙައްޤާނީ، އެ ގައުމުގެ ވެރިރަށް ކާބޫލްގައި ހިނގި ބޮމު ހަމަލާއެއްގައި މަރުވެއްޖެކަމަށް ޠާލިބާން ސަރުކާރުން ބުދަ ދުވަހު ހާމަކޮށްފިއެވެ.
ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ މި "ފިނޑި" ހަމަލާއަކީ އައިސިސް ޖަމާޢަތުން ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާގައި ޙައްޤާނީގެ އިތުރުން އިތުރު ފަސް މީހަކު މަރުވެފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެސޯސިއޭޓެޑް ޕްރެސްއަށް އެތެރޭގެ މިނިސްޓްރީގެ އިސްވެރިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަމަލާއަކީ ގޮވާލި ބޮމެއްގެ ހަމަލާއެކެވެ. އަދި އޭ.އެފް.ޕީއަށް ސަރުކާރުގެ އިސް ފަރާތަކުން ނަން ހާމަނުކުރުމުގެ ޝަރުތުގައި މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ކާބޫލްގައި ހުރި ރެފިއުޖީންގެ މިނިސްޓްރީއަށެވެ.
ޙައްޤާނީއަކީ 2021 ގައި ބޭރުގެ ސިފައިން އަފްޣާނިސްތާނުން ފުރައިގެން ދިއުމަށްފަހު އެކުލަވާލި ޠާލިބާންގެ ވަގުތީ ސަރުކާރުގެ ވަޒީރެކެވެ. އޭނާއަކީ ޙައްޤާނީ ނެޓްވަރކްގެ އިސް ލީޑަރެއްގެ ގޮތުގައި ޠާލިބާންގެ 20 އަހަރުގެ ހަނގުރާމައިގެ ތެރޭގައި ގިނަ ގަދަ ހަމަލާތަކަކަށް ޒިންމާވާންޖެހޭ މީހެއް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
އަފްޣާނިސްތާނުގައި ދިމާވެފައިވާ ރެފިއުޖީންގެ ހާލަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރަމުން އައި ޙައްޤާނީއަކީ މިހާރުގެ އެތެރޭގެ ވަޒީރު ސިރާޖުއްދީން ޙައްޤާނީގެ ބޮޑުބޭބެއެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!