ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާގެ އޭއައި ބޭނުންކުރާ މީހުންގެ އަދަދު 600 މިލިއަން އަރާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މެޓާގެ ވެރިޔާ މާރކް ޒަކަބާގ ދެއްވި އަޕްޑޭޓެއްގައި ވިދާޅުވެފައިވަނީ މެޓާ އޭއައި މިހާރު "ގާތްގަނޑަކަށް" މަހަކު 600 މިލިއަން މީހުން ބޭނުންކުރާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފަހުކޮޅު ތަޢާރަފުކުރި މެޓާ އޭއައި އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އޮކްޓޯބަރު މަހު މެޓާ އޭއައި ބޭނުންކުރާ މީހުންގެ އަދަދު 500 މިލިއަނަށް އަރާފައިވެއެވެ.
މި އަޕްޑޭޓް ދެއްވާފައިވަނީ މެޓާއިން އެންމެ ފަހުން ނެރުނު ލަމާ 3.3 70ބީ މޮޑެލް ތަޢާރަފުކުރުމާ އެކުގައެވެ. މެޓާއިން ބުނާ ގޮތުގައި މި އައު ޓެކްސްޓް މޮޑެލްގެ ފެންވަރު ލަމާ 3.1 405ބީ މޮޑެލާ އެއްވަރުވާއިރު، އޭގެ އަގު ވަރަށް ބޮޑަށް ކުޑަވެފައިވެއެވެ. މެޓާގެ ޖެނެރޭޓިވް އޭއައި ވައިސް ޕްރެޒިޑެންޓް އަހްމަދު އަލް-ދަހްލެ އެކްސްގައި ޝާއިޢުކުރެއްވި ޗާޓެއްގައި ދައްކާގޮތުން، ލަމާ 3.3 އިން ގޫގުލްގެ ޖެމިނައި ޕްރޯ 1.5 އާއި އޯޕަންއޭއައިގެ ޖީޕީޓީ-4އޯ އަށްވުރެ ގިނަ ބެންޗްމާކްތަކުން މަތީ ސްކޯއެއް ހޯދާފައިވެއެވެ.
ޒަކަބާގ އިންސްޓަގްރާމްގައި ޝާއިޢުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ "ދެން އޮތީ ލަމާ 4" ކަމަށެވެ. އަދި މިއީ މިއަހަރުގެ އެންމެ ފަހުގެ ބޮޑު އޭއައި އަޕްޑޭޓް ކަމަށްވެސް ވިދާޅުވިއެވެ. ލަމާ 4 އާ ބެހޭ ގޮތުން މާ ގިނަ މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު ވިދާޅުވެފައިވަނީ މި މޮޑެލް ތަމްރީނުކުރަމުންދަނީ 100,000 އަށްވުރެ ގިނަ އެޗް100 ޔުނިޓް ހިމެނޭ ކްލަސްޓަރެއްގައި ކަމަށާއި، "ކުދި" ލަމާ 4 މޮޑެލްތަކުގެ ތެރެއިން އެއް މޮޑެލް "މިއަންނަ އަހަރުގެ ކުރީކޮޅު" ނެރޭނެ ކަމަށެވެ.
މެޓާ އޭއައި އަކީ މެޓާ ކުންފުނިން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތަޢާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓަންޓެކެވެ. މި އެސިސްޓަންޓް ފުރަތަމަ ތަޢާރަފުކުރީ ފޭސްބުކް، އިންސްޓަގްރާމް، މެސެންޖަރ އަދި ވަޓްސްއެޕް ފަދަ މެޓާގެ އެޕްތަކުގައެވެ. މެޓާ އޭއައި އަކީ ޓެކްސްޓް ޖެނެރޭޓްކުރުމާއި، ސުވާލުތަކަށް ޖަވާބުދިނުމާއި، އިމޭޖް ޖެނެރޭޓްކުރުން ފަދަ ގިނަ ކަންކަން ކުރެވޭ އެސިސްޓަންޓެކެވެ. މި އެސިސްޓަންޓް ބިނާވެފައިވަނީ މެޓާއިން ތަރައްޤީކުރި ލަމާ ލެންގުއޭޖް މޮޑެލްގެ މައްޗަށެވެ. މެޓާ އޭއައި ތަޢާރަފުކުރުމަކީ އެހެން ބޮޑެތި ޓެކް ކުންފުނިތަކާ ވާދަކޮށް، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި މެޓާގެ ދައުރު ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!