ސީރިއާގެ ވައްޓާލެވުނު ވެރިކަމުގެ އިސްވެރިޔާ ބައްޝާރުލް އަސަދާއި އޭނާގެ އާއިލާއަށް ރަޝިޔާއިން ހިމާޔަތް ދީފައިވާކަން ކްރެމްލިން އިން ކަށަވަރުކޮށްދީފިއެވެ.

ކްރެމްލިންގެ ސްޕޯކްސްމަން ދިމިޓްރީ ޕެސްކޯވް ވިދާޅުވީ މިފަދަ ނިންމުމެއް ނިންމޭނީ ހަމައެކަނި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިންގެ ހުއްދައާ އެކުގައި ކަމަށެވެ. "މިއީ އޭނާގެ (ޕުޓިންގެ) ނިންމުމެއް" ކަމަށް ޕެސްކޯވް ވިދާޅުވިއެވެ.

Ad
rt

ޕުޓިންގެ ރަސްމީ ތާވަލުގައި އަސަދާ ބައްދަލުކުރުމެއް ހިމެނިފައި ނުވާކަމަށް ފާހަގަކުރައްވަމުން، އަސަދު މިހާރު ހުންނެވި ތަނަކާ ބެހޭގޮތުން "އެއްވެސް އެއްޗެއް ބުނާނެ ކަމެއް ނެތް" ކަމަށް ޕެސްކޯވް ވިދާޅުވިއެވެ.

ސީރިއާގައި ހުރި ރަޝިޔާގެ ސިފައިންގެ މަރުކަޒުތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަރާތްތަކާ ގުޅުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ރަޝިޔާގެ ސިފައިން ވެސް "އަޅަންޖެހޭ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް" އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓާޓަސްއާއި ކްމެއިމިމްގައި ހުރި ރަޝިޔާގެ ސިފައިންގެ މަރުކަޒުތަކުގެ ހާލަތާ ބެހޭގޮތުން ވާހަކަދައްކަން އަދި އަވަސްވެގެންވާ ކަމަށް ޕެސްކޯވް ވިދާޅުވިއެވެ.

"މިއީ ސީރިއާގެ ވެރިކަމުގައި ތިބޭނެ ބަޔަކާ އެކު މަޝްވަރާކުރަންޖެހޭ ކަމެއް. މިހާރު މި ފެންނަނީ ބަދަލުވުމުގެ ދުވަސްވަރެއް، ވަރަށް ހަމަޖެހުމެއް ނެތް ދުވަސްވަރެއް. އެހެންކަމުން މިކަމަށް ވަގުތު ނަގާނެ. އޭގެ ފަހުން ވެރިކަމުގެ ބާރު ލިބޭ ފަރާތްތަކާ އެކު މުހިންމު މަޝްވަރާތަކެއް ކުރަންޖެހޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

ސީރިއާއާ ބެހޭގޮތުން ބޭއްވޭ އަސްތާނާ މަޝްވަރާތަކުގެ އަސްލު މަޤްޞަދު ގެއްލިފައިވާ ކަމަށް ޕެސްކޯވް ވިދާޅުވިއެވެ. ނަމަވެސް، ބައިވެރިވާ ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުމާއި ސިޔާސީ މަޝްވަރާކުރުމުގެ ވަސީލަތެއްގެ ގޮތުގައި އަދިވެސް އެ މަޝްވަރާތައް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ސީރިއާއާ ގުޅޭގޮތުން ތުރުކީއާއި އެ ސަރަޙައްދުގެ އެހެން ޤައުމުތަކާ އެކު ރަޝިޔާ މަޝްވަރާކުރަމުންދާ ކަމަށްވެސް ޕެސްކޯވް ވިދާޅުވިއެވެ.