ސީރިޔާގެ ވެރިކަން ބަދަލުވުމާ ގުޅިގެން، ކުރީގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަމުގައި ހިންގާފައިވާ ކަންކަމަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނަރު ވޯކަރ ޓަރކް ވިދާޅުވެއްޖެއެވެ.

"ސިޔާސީ ބަދަލެއް އަންނަ ނަމަ، އެ ބަދަލުގައި ބޮޑެތި އިންސާނީ ޙައްޤުތަކުގެ ޚިލާފު ޢަމަލުތައް ހިންގި ފަރާތްތަކަށް ޖަވާބުދާރީވުމުގެ ނިޒާމެއް ހިމެނެންޖެހޭނެ. އަދި އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން އެކަމަށް ޖަވާބުދާރީވާންޖެހޭނެ،" ޓަރކް ވިދާޅުވިއެވެ.

Ad
rt

އަސަދު ޖަވާބުދާރީކުރުވަންޖެހޭތޯ ސުވާލުކުރުމުން، ޓަރކް ވިދާޅުވީ "ކުރީގެ ރައީސާއި އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުން އަނިޔާވެރި ޖަރީމާތައް ހިންގާފައިވާކަމަށް ޤަބޫލުކުރެވޭ ފަދަ ހެކިތައް ހުރި" ކަމަށެވެ. އަދި މި ހެކިތައް ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަސަދުގެ ވެރިކަން ވެއްޓުނީ އިދިކޮޅު ބާރުތަކުން ކުއްލި ހަމަލާއެއް ފެށިތާ 11 ދުވަސް ފަހުންނެވެ. މިއީ 13 އަހަރު ކުރިން ސަރުކާރާ ދެކޮޅަށް ފެށުނު އިހުތިޖާޖުތަކަށް އަސަދު ޢަމަލުކުރި ގޮތުން ފެށުނު ހަނގުރާމައިގެ ނިމުމެވެ.

ސީރިޔާގެ ހަނގުރާމައިގައި 500،000 އަށްވުރެ ގިނަ މީހުން މަރުވެ، އާބާދީގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުން ގޭގެއިން ނުކުމެ ދާންޖެހިފައިވެއެވެ.

ޓަރކް ވިދާޅުވީ މި ހަނގުރާމައިގައި "އެންމެ ނުރައްކާތެރި އިންސާނީ ޙައްޤުތަކުގެ ޚިލާފު ޢަމަލުތައް ހިންގާފައިވާ" ކަމަށެވެ. މީގެ ތެރޭގައި "އަނިޔާކުރުމާއި ކެމިކަލް ހަތިޔާރު ބޭނުންކުރުން" ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.