ނަމީބިއާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު، އެ ޤައުމުގެ ފުރަތަމަ އަންހެން ރައީސް އިންތިޚާބުވާން ކައިރިވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މިހާތަނަށް ގުނިފައިވާ ވޯޓުތަކުން ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް ނެޓުމްބޯ ނަންޑި-ންޑައިޓްވާ ވަނީ ކުރިއަރައިގެން ގޮސްފައެވެ.
ނޮވެމްބަރު 27 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގެ 65.57 އިންސައްތަ ވޯޓު ގުނިފައިވާއިރު، 72 އަހަރުގެ ނަންޑި-ންޑައިޓްވާ ވަނީ 54.82 އިންސައްތަ ވޯޓު ހޯދާފައެވެ. އިންތިޚާބުގެ ނަތީޖާ ނެރުމަށް ލަސްވެފައިވަނީ ބައެއް ވޯޓުލާ މަރުކަޒުތަކުގައި ދިމާވި ޓެކްނިކަލް މައްސަލަތަކާއި ވޯޓު ކަރުދާސް މަދުވުމުގެ ސަބަބުންނެވެ.
މައި އިދިކޮޅު ޕާޓީ، އިންޑިޕެންޑެންޓް ޕެޓްރިއަޓްސް ފޮރ ޗޭންޖްގެ ކެންޑިޑޭޓް ޕަންޑުލެނީ އިޓުލާ ވަނީ 28 އިންސައްތަ ވޯޓު ހޯދާފައެވެ. އެ ޕާޓީން ވަނީ މި އިންތިޚާބަކީ ހަޤީޤީ އިންތިޚާބެއް ނޫންކަމަށް ބުނެ ދެކޮޅު ހަދާފައެވެ.
މިހާތަނަށް ގުނިފައިވަނީ 121 ދާއިރާގެ ތެރެއިން 79 ދާއިރާގެ ވޯޓެވެ. އޭގެ ތެރޭގައި ވިންޑްހޯކް ގެ ދެ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއް ހިމެނެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި 1.5 މިލިއަން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.
މިހާރު ނައިބު ރައީސްގެ މަޤާމުގައި ހުންނެވި، ސައުތު ވެސްޓް އެފްރިކާ ޕީޕަލްސް އޯގަނައިޒޭޝަން (ސްވާޕޯ) ގެ ނަންޑި-ންޑައިޓްވާ އަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، ދެވަނަ ބުރަކަށް ދާން ޖެހިދާނެއެވެ. އިންތިޚާބުގެ ފުރިހަމަ ނަތީޖާ މި ހަފުތާގެ ފަހުކޮޅު އިޢުލާނުކުރެވޭނެ ކަމަށް ބެލެވެއެވެ.
ނަމީބިއާގެ ޤައުމީ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށް ވަކިން ވޯޓުލެވުނެވެ. މިހާތަނަށް ގުނިފައިވާ 66.4 އިންސައްތަ ވޯޓުން ސްވާޕޯ ވަނީ 56.38 އިންސައްތަ ވޯޓު ހޯދާފައެވެ. އަދި އިންޑިޕެންޑެންޓް ޕެޓްރިއަޓްސް ފޮރ ޗޭންޖް ވަނީ 19.23 އިންސައްތަ ވޯޓު ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!