ގިނީގެ ދެކުނު އިރުމަތީ ސަރަހައްދުގައި އޮންނަ ފުޓްބޯޅަ ދަނޑެއްގައި ހިނގި އަނިޔާވެރި ހާދިސާއެއްގައި މަދުވެގެން 56 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ ކަމަށް އެ ޤައުމުގެ ސަރުކާރުން ހޯމަ ދުވަހު ބުނެފިއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު، ގިނީގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ނެޒެރެކޯރޭގައި ބޭއްވުނު ރަށު ފެންވަރުގެ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގައެވެ. މި ސިޓީއަކީ ވެރިރަށް ކޮނަކްރީން ގާތްގަނޑަކަށް 570 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ.
ބޮޑުވަޒީރު އަމަދޫ އޫރީ ބާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ހާދިސާއާ ގުޅިގެން ޒިންމާވާންޖެހޭ ފަރާތްތައް ކަނޑައެޅުމަށް ތަހުގީގުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން ކުޅުންތެރިން ދެއްކި ޝުޢޫރުތަކުގެ ސަބަބުން ސަޕޯޓަރުން ގައު އުކަން ފެށުމުން ނުރައްކާތެރި ހާލަތަކަށް ދިޔައެވެ. ހޮސްޕިޓަލްތަކުން ދޭ ވަގުތީ މަޢުލޫމާތުން ދައްކާ ގޮތުގައި 56 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
މަރުވި މީހުންނަށް ސަރުކާރުން ހަނދާނީ އިޙްތިރާމް އަދާކޮށް، އަދި އެ މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ފާޅުކޮށްފައިވެއެވެ.
މި ހާދިސާ ފެށުނީ ލާބޭ ޓީމާއި ނެޒެރެކޯރޭ ޓީމާ ދެމެދު ކުޅުނު މެޗުގެ ފަހު މިނެޓުތަކުގައި ކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނެޒެރެކޯރޭ ޓީމުން ޖެހި ލަނޑަކާމެދު ލާބޭ ޓީމުގެ ކުޅުންތެރިން ހިތްހަމަ ނުޖެހުމުން ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ފެށުނު ކަމަށް ބުނެވެއެވެ.
ލާބޭ ޓީމުގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމާއި އެ ޓީމުގެ މައްޗަށް ޕެނަލްޓީއެއް ދިނުމުގެ ސަބަބުން އަނިޔާވެރިކަން އިތުރަށް ގޯސްވެގެން ދިޔަ ކަމަށްވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އެހެން ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ގިނަބައެއްގެ ފުރާނަ ގެއްލުނީ ސެކިއުރިޓީ ބާރުތަކުން އަޅާފައިވާ ކަރުނަ ގޭހުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!