ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރު އީލޮން މަސްކްގެ ވަކީލުން، އޯޕަންއޭއައި އާއި އެ ކުންފުނީގެ ބައެއް އިސްވެރިންނާއި، އަދި އެ ކުންފުންޏަށް އިންވެސްޓްކޮށް ގާތުން މަސައްކަތްކުރާ މައިކްރޯސޮފްޓާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅުމުގެ މަޤްޞަދަކީ އޯޕަންއޭއައި އާއި އެހެން ފަރާތްތަކުން ވާދަވެރިކަމާ ޚިލާފު ޢަމަލުތައް ހިންގުން ހުއްޓުވުން ކަމުގައި ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

މި މައްސަލަ ހުކުރު ދުވަހުގެ ރޭ ކެލިފޯނިއާގެ ޔުނައިޓެޑް ސްޓޭޓްސް ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅުނެވެ. މި މައްސަލައިގައި އޯޕަންއޭއައި، އެ ކުންފުނީގެ ސީއީއޯ ސެމް އޯލްޓްމަން، ޕްރެޒިޑެންޓް ގްރެގް ބްރޮކްމަން، މައިކްރޯސޮފްޓް، ލިންކްޑްއިން ކޯފައުންޑަރު އަދި ކުރީގެ އޯޕަންއޭއައި ބޯޑު މެމްބަރު ރީޑް ހޮފްމަން، އަދި ކުރީގެ އޯޕަންއޭއައި ބޯޑު މެމްބަރު އަދި މައިކްރޯސޮފްޓްގެ ވައިސް ޕްރެޒިޑެންޓް ޑީ ޓެމްޕަލްޓަން ހިމެނެއެވެ.

Ad
rt

މި މައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކުގެ ތެރޭގައި އޯޕަންއޭއައިގެ ވާދަވެރި ކުންފުނިތަކަށް އިންވެސްޓްކުރުން ހުރަސްއެޅުމާއި، މައިކްރޯސޮފްޓާ ގުޅިގެން ވާދަވެރި މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން، އަދި އޯޕަންއޭއައިގެ ހިންގުމުގެ އޮނިގަނޑު ފައިދާ ލިބޭ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.

މަސްކްގެ ވަކީލުން ބުނާ ގޮތުގައި މި އިންޖަންކްޝަން ދޫނުކޮށްފިނަމަ އިޢާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ކުރިމަތިވާނެއެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.

މީގެ ކުރިން އީލޮން މަސްކަކީ އޯޕަންއޭއައި ކުންފުނީގެ އެއް ބާނީއެވެ. އޭނާ މި ކުންފުނިން ވަކިވެފައިވަނީ 2018 ވަނަ އަހަރުއެވެ. އޯޕަންއޭއައި އަކީ ޗެޓްޖީޕީޓީ ފަދަ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީތައް ތަރައްޤީކުރާ ކުންފުންޏެކެވެ. މަސްކް އޯޕަންއޭއައިން ވަކިވުމަށްފަހު އޭނާގެ އަމިއްލަ އޭއައި ކުންފުންޏެއްކަމުގައިވާ އެކްސްއޭއައި ވަނީ އުފައްދާފައެވެ. މަސްކް އާއި އޯޕަންއޭއައި އާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އޯޕަންއޭއައި އިން ފައިދާ ހޯދުމަށް މަސައްކަތްކުރަމުންދާތީ މަސްކް ވަނީ ފާޑުކިޔާފައެވެ. މިއީ އެ ކުންފުނި އުފެއްދި މަޤްޞަދާ ޚިލާފު ކަމެއްކަމަށް މަސްކް ދެކެއެވެ.