ޕާކިސްތާނުގެ ވިޔަފާރީގެ މަރުކަޒީ ރަށް ލާހޫރު މިއަހަރުވެސް ދުނިޔޭގެ އެންމެ ވައި ތަޣައްޔަރުވެފައިވާ ސިޓީގެ މަޤާމުގައި ދެމިހުރިކަމަށް އެއަރ ކޮލިޓީ އިންޑެކްސް (އޭކިއުއައި) އިން ދައްކައިފިއެވެ. މި ލިސްޓުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ދެވަނައަށް އަދި ގާނާގެ ވެރިރަށް އަކްރާ ތިންވަނައަށް ވަނީ ހޮވިފައެވެ.

ޕާކިސްތާނުގެ އެހެން ސިޓީތަކުގެ ތެރެއިން މުލްތާން ދެވަނައަށް، ޕެޝަވާރު ތިންވަނައަށް، ރަވަލްޕިންޑީ ހަތަރުވަނައަށް އަދި ކަރާޗީ ފަސްވަނައަށް ވަނީ ހޮވިފައެވެ.

Ad
rt

ޕަންޖާބު ސޫބާގައި ފިނިމޫސުން ފެށުމާއެކު ވައި ތަޣައްޔަރުވުމާއި ދުންއަނދިރި އިތުރުވެފައިވާކަމަށް ބުނެވެއެވެ. މިކަމާ ގުޅިގެން އޮތޯރިޓީތަކުން ވަނީ ސިޓީތަކުގައި ދުންއަނދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މި ސޫބާގައި ވައި ތަޣައްޔަރުވުން ވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެ، އާންމު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލާހޫރު ވަނީ ދުންއަނދިރިން ފުރާލާފައެވެ. މި ދުންއަނދިރިއަކީ ދަށް ފެންވަރުގެ ޑީސަލް އަންދައިގެން ނުކުންނަ ދުމާއި، ފިނިމޫސުމުގައި ދަނޑުވެރިކަމުގެ ބޭނުމަށް އަލިފާން ރޯކުރުމުން ނުކުންނަ ދުމާއި އެކުވެގެން އުފެދޭ އެއްޗެކެވެ.

ލާހޫރުގައި ވައި ތަޣައްޔަރުވުމުގެ މިންވަރު ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ރައްކާތެރި މިންވަރަށްވުރެ 80 ގުނަ އިތުރުވެފައެވެ.

މި ހާލަތާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ ސްކޫލްތައް ބަންދުކޮށް، ކެފޭތަކާއި އެހެނިހެން ވިޔަފާރިތަކާއި މާރުކޭޓުތަކުގެ ހިންގުމުގެ ވަގުތު މަދުކޮށްފައެވެ. މިއީ އާންމު ރައްޔިތުން ނުރައްކާތެރި ތަޣައްޔަރުވުމުގެ އަސަރުތަކުންނާއި ސިއްހީ މައްސަލަތަކުން ސަލާމަތްކުރުމަށް އެޅި ފިޔަވަޅެކެވެ.