ޔުގަންޑާގެ އިރުމަތީ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާއެއްގައި 15 މީހުން މަރުވެ، މަދުވެގެން 100 މީހުން ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރުގެ އޮފީހާއި ފުލުހުން ބުރާސްފަތި ދުވަހު ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު، ވެރިރަށް ކަމްޕާލާއިން 300 ކިލޯމީޓަރު އިރުމަތީގައިވާ ބުލަމްބުލީ ސަރަޙައްދުގައެވެ. ޔުގަންޑާ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި މަދުވެގެން 40 ގެ އެއްކޮށް ވަޅުލެވިފައިވާ އިރު، އިތުރު ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.
ބޮޑުވަޒީރުގެ އޮފީހުގެ ތަރައްޤީގެ މަސައްކަތްތަކާ ބެހޭ ޑިޕާޓްމަންޓުގެ ޗާލްސް އޮޑޮންތޯ ބުނި ގޮތުގައި 15 މީހުން މަރުވެފައިވާ އިރު، އިތުރު ގިނަ ބަޔަކު ވަޅުލެވިފައި ތިބުމުގެ ބިރު އެބައޮތެވެ. އަދި އަށް ރަށެއްގައި 100 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އޭނާ ބުންޏެވެ.
ފުލުހުން ބުނާ ގޮތުގައި 113 މީހުން ވަނީ ގެއްލިފައެވެ. އަދި މަގުތައް ބަންދުވެފައިވާތީ، އެމްބިއުލާންސްތަކަށް ވެސް ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮކްޓޯބަރު މަހުން ފެށިގެން ޔުގަންޑާގައި އާދަޔާ ޚިލާފަށް ގިނައިން ވާރޭވެހި، ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުންދެއެވެ. އަންގާރަ ދުވަހު ވެސް ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ނީލް ކޯރު ބަންޑުންވެ، ކަމްޕާލާއާއި އުތުރު-ހުޅަނގު ސަރަޙައްދު ގުޅުވައިދޭ މަގު ވަނީ ފެނުން ބަންދުވެފައި ކަމަށް ޔުގަންޑާ ނެޝަނަލް ރޯޑްސް އޮތޯރިޓީއާއި ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!