މިއަދު ހެނދުނު އާޓިފިޝަލް ބީޗް ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ފުލުހުން "ތިލަދުން" އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، މިއަދު ހެނދުނު 8:56 ހާއިރު އާޓިފިޝަލް ބީޗް ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު ފުލުހުން އެޓެންޑްވެ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
"އޭ.ޑީ.ކޭ ގައި ފަރުވާދެމުން ދަނިކޮށް 10:03 ހާއިރު އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވޭ"
ފުލުހުންބުނެފައިވެ އެވެ.
ނިޔާވެފައިވަނީ ސ. ހިތަދޫ / ސޯސަންގެ، އަޙްމަދު ޝަރީފް (53 އަހަރު) ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ވާހަކަ ފުލުހުން ބުނެފައިވެއެވެ.
މީސްމިޑީޔާގައި އާންމުވެފައިވާ ވިޑިއޯއަކުން ފެންނަ ގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޕިކަޕަކަށް އަރުވައިގެންނެވެ. ޕިކަޕު ތެރޭގައި ސީޕީއާރު ދޭތަން ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!