ދުނިޔޭގައި އޮންނަނީ 7 ބައްރު ނޫން ކަމަށާއި، އޮންނަނީ ހަމައެކަނި 6 ބައްރު ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. މިއީ މިހާތަނަށް ގަބޫލުކުރެވިފައިވާ ގޮތާ މުޅިން ޚިލާފު ހޯދުމެކެވެ.
"ގޮންޑްވާނާ ރިސަރޗް" ޖާނަލްގައި މިއަހަރު ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، ޔޫރަޕާއި އުތުރު އެމެރިކާ އަދިވެސް ވަކިވެފައި ނުވާ ކަމަށެވެ. އަދި މި ދެ ބައްރަކީ އެއް ބައްރެއްގެ ގޮތުގައި ބެލިދާނެ ކަމަށެވެ.
މި ދިރާސާގެ މައިގަނޑު ލިޔުންތެރިޔާ، ޔުނިވަރސިޓީ އޮފް ޑާބީގެ ޑރ. ޖޯޑަން ފެތިއަން ވިދާޅުވި ގޮތުގައި، އުތުރު އެމެރިކާ އާއި ޔޫރޭޝިއަން ޓެކްޓޮނިކް ޕްލޭޓްތައް އަދިވެސް ވަކިވެފައި ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޕްލޭޓްތައް އަދިވެސް ދަނީ ދިގުވަމުންނެވެ. އަދި ވަކިވުމުގެ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
މި ދިރާސާގައި އައިސްލެންޑްގެ ވާހަކަ ވަކިން ފާހަގަކޮށްފައިވެއެވެ. މީގެ ކުރިން ގަބޫލުކުރެވިފައިވަނީ އައިސްލެންޑް އުފެދުނީ 60 މިލިއަން އަހަރު ކުރިން މިޑް-އެޓްލާންޓިކް ރިޖްގެ ސަބަބުން ކަމަށެވެ. ނަމަވެސް މި ދިރާސާއިން އެކަން އޮތީ އެހެން ނޫންކަން ދައްކުވައިދެއެވެ. އާރތް.ކޮމް އިން ފާހަގަކޮށްފައިވާ ގޮތުގައި، ކުރިން ގަބޫލުކުރެވިފައިވަނީ އުތުރު އެމެރިކާ އާއި ޔޫރޭޝިއަން ޕްލޭޓްތަކުގެ ސަބަބުން އުފެދުނު ހޫނު މެންޓަލް ޕްލޫމްއަކުން އައިސްލެންޑް އުފެދުނު ކަމަށެވެ.
ނަމަވެސް، ޑރ. ފެތިއަން އާއި އޭނާގެ އެކުވެރިން އެފްރިކާ ބައްރުގެ ޓެކްޓޮނިކް ހަރަކާތްތައް ދިރާސާކުރުމަށްފަހު، އާ ނަޒަރިއްޔާއެއް ހުށަހަޅާފައިވެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، އައިސްލެންޑާއި ގްރީންލެންޑް އައިސްލެންޑް ފެރޯސް ރިޖް (ޖީ.އައި.އެފް.އާރް) ގައި ހިމެނެނީ ޔޫރަޕާއި އުތުރު އެމެރިކާގެ ޓެކްޓޮނިކް ޕްލޭޓްތަކުގެ ބައިތަކެވެ.
މީގެ މާނައަކީ، މި ސަރަހައްދުތަކަކީ ވަކިވަކި ބިންތަކެއް ނޫން ކަމަށާއި، އެއީ ބޮޑު ބައްރެއްގެ ގުޅިފައިވާ ބައިތަކެއް ކަމަށް އެ ސައިންޓިސްޓުން ބުނެއެވެ. މި އާ ޖިއޮލޮޖިކަލް ސިފަ ތަޢާރަފުކުރުމަށް "ރިފްޓެޑް އޯޝަނިކް މެގްމެޓިކް ޕްލެޓޯ" (އާރް.އޯ.އެމް.ޕީ) މި ނަން ވެސް ދީފައިވެއެވެ. މިއީ ދުނިޔޭގެ ބައްރުތައް އުފެދި ވަކިވާ ގޮތާ މެދު އަހަރެމެން ދެކޭ ގޮތަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، އަހަރެމެން ކުޑައިރު ސްކޫލުގައި ކިޔަވައިދިން ގޮތާ ޚިލާފަށް، ދުނިޔޭގައި އޮތީ 7 ބައްރެއް ނޫނެވެ. އެފްރިކާ، އެންޓާކްޓިކާ، އޭޝިއާ، އޯޝަނިއާ، ޔޫރަޕް، އުތުރު އެމެރިކާ އަދި ދެކުނު އެމެރިކާގެ ބަދަލުގައި އޮތީ 6 ބައްރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!