ޗައިނާއިން ޖަޕާނާއި ބަލްގޭރިއާ އަދި އިތުރު ޤައުމުތަކަށް ވިސާ ފްރީ އެކްސެސް ފުޅާކޮށްފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނެއް ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު 30 އިން ފެށިގެން 2025 ވަނަ އަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް، ޗައިނާއިން އެ ޤައުމުގެ ވިސާ ފްރީ އެކްސެސް ޖަޕާނު، ބަލްގޭރިއާ، ރޮމޭނިއާ، ކްރޮއޭޝިއާ، މޮންޓެނެގްރޯ އަދި އިތުރު ޤައުމުތަކަށް ފުޅާކުރާނެއެވެ.
ޗައިނާގެ ސަރުކާރުގެ ޓެލެވިޜަން ސީ.ސީ.ޓީ.ވީ އިން ރިޕޯޓުކުރި ގޮތުގައި، މި ބަދަލާއެކު ޗައިނާގެ ވިސާ ފްރީ ޕްރޮގްރާމްގެ ދަށުން ހިމެނޭ 38 ޤައުމުގެ ރައްޔިތުންނަށް މިހާރު ދެމުންދާ 15 ދުވަހުގެ މުއްދަތު 30 ދުވަހަށް އިތުރުކުރެވޭނެއެވެ.
މީގެ ކުރިން ވެސް ޗައިނާއިން ވަނީ ދަށަށް ގޮސްފައިވާ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމާއި ވިޔަފާރި އިތުރުކުރުމުގެ މަޤްޞަދުގައި ދެކުނު ކޮރެއާ އާއި ބައެއް ޔޫރަޕުގެ ޤައުމުތަކަށް ވިސާ ފްރީ އެކްސެސް ދީފައެވެ. މިފަހަރުގެ ބަދަލާއެކު، އިތުރު ޤައުމުތަކަކަށް މި ފުރުޞަތު ލިބިގެންދާނެއެވެ.
މި އައު ސިޔާސަތުގެ ސަބަބުން ޗައިނާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ޤައުމުގެ އިޤްތިޞާދަށް ފައިދާވާނެ ކަމަށް ބެލެވެއެވެ. އަދި މި ބަދަލަކީ ޗައިނާއާއި އެހެނިހެން ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށްވެސް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!