2024 ވަނަ އަހަރަކީ އިންސާނީ އެހީތެރިންނަށް އެންމެ ނުރައްކާތެރި އަހަރު ކަމުގައި އދ. އިން ބުނެފިއެވެ.
އދ. ގެ އިންސާނީ އެހީތެރިކަމުގެ އޮފީހުން ބުރާސްފަތި ދުވަހު ބުނެފައިވަނީ 2024 ވަނަ އަހަރަކީ މިހާތަނަށް އިންސާނީ އެހީތެރިންނަށް އެންމެ ނުރައްކާތެރި އަހަރު ކަމަށާއި، މިގޮތުން މިއަހަރު މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 281 އިންސާނީ އެހީތެރިން މަރުވެފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
ޖެނީވާގައި ބޭއްވުނު އދ. ގެ ބްރީފިންގއެއްގައި އދ. ގެ އިންސާނީ އެހީތެރިކަމުގެ ވިލަރެސްކުރާ އޮފީހުގެ (އޯސީއެޗްއޭ) ޑެޕިއުޓީ ސްޕޯކްސްޕަރސަން ޖެންސް ލާކެ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ވެސް މިދިޔަ އަހަރުގެ ރެކޯޑު ފަހަނައަޅާފައިވާ ކަމަށެވެ.
މި "ހިތާމަވެރި މައިލްސްޓޯން" އާ ގުޅިގެން ލާކެ ވިދާޅުވީ މަރުވެފައިވާ އިންސާނީ އެހީތެރިންގެ ތެރެއިން 13 މީހުންނަކީ ބައިނަލްއަޤްވާމީ މުވައްޒަފުން ކަމަށާއި 268 މީހުންނަކީ ޤައުމީ މުވައްޒަފުން ކަމަށެވެ.
އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ޣައްޒާގެ ހަނގުރާމައަކީ މި އަދަދުތައް އިތުރުވަމުންދާ މައިގަނޑު ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން 320 އަށް ވުރެ ގިނަ އިންސާނީ އެހީތެރިން މަރުވެފައިވާ ކަމަށާއި، މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދަނިކޮށް ކަމަށް އޯސީއެޗްއޭ އިން ބުނެއެވެ. އަދި މަރުވި މީހުންގެ ތެރެއިން ގިނައީ ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ ނުވަތަ އަންރުވާގެ މުވައްޒަފުން ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
އިންސާނީ ކަންކަމާއި ކުއްލި ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް ޓޮމް ފްލެޗަރ ވިދާޅުވެފައިވާ ގޮތުގައި ދައުލަތްތަކާއި ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން އިންސާނީ އެހީތެރިން ހިމާޔަތްކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ޒިންމާދާރު ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި، މި ދައުރުގައި ފެންނަމުންދާ އަދަބުން ރެކެވުމުގެ ޘަޤާފަތް ނިމުމަކަށް ގެންނަން ޖެހެއެވެ.
މި މައްސަލަތަކާ ގުޅިގެން އެކަށީގެންވާ ވަރަށް ޤާނޫނީ ފިޔަވަޅު އެޅެމުން ނުދާ ކަމަށާއި މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ލާކެ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!