އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެންޑްރޮއިޑް ފޯނަކަށް ބަދަލުވުން ފަސޭހަކޮށްދޭ އާ އެޕެއް ގޫގުލްއިން ތަޢާރަފުކޮށްފިއެވެ. މިހާރު "އެންޑްރޮއިޑް ސްވިޗް" ގެ ނަމުގައި ނަން ބަދަލުކޮށްފައިވާ މި އެޕަކީ އައިފޯނުން އެންޑްރޮއިޑަށް މަޢުލޫމާތު ބަދަލުކުރުމަށް ކުރިން ބޭނުންކުރަމުން އައި "ޑޭޓާ ރިސްޓޯ ޓޫލް" އަށް ގެނެސްފައިވާ އައު ބަދަލެކެވެ.
މި އެޕް މެދުވެރިކޮށް އައިފޯނު ޔޫޒަރުންނަށް އެމީހުންގެ ޗެޓްތަކާއި، ކަލަންޑަރު، އަދި ކޮންޓެކްޓްތަކުގެ އިތުރުން ވައިފައި ނެޓްވޯކްތަކާއި ގޫގުލް އެކައުންޓްގެ މަޢުލޫމާތު އައިފޯނުން އެންޑްރޮއިޑް ފޯނަކަށް ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން އައިމެސެޖް ބޭނުންކުރުން ހުއްޓާލުމަށް ކުރަންޖެހޭ ކަންތައްތައް ވެސް މި އެޕުން ދައްކައިދޭނެއެވެ.
ގޫގުލްއިން ބުނާ ގޮތުގައި 2025 ވަނަ އަހަރު ޕިކްސެލް 9 ސީރީޒްގައި ތަޢާރަފުކުރި ލަސްކޮށް ޑޭޓާ ބަދަލުކުރެވޭ ފީޗަރ އެހެން އެންޑްރޮއިޑް ފޯނުތަކަށް ވެސް ލިބޭނެއެވެ. އަދި ކޭބަލް މެދުވެރިކޮށް ވެސް އައިއޯއެސްއިން އެންޑްރޮއިޑަށް ޑޭޓާ ބަދަލުކުރެވޭނެ ކަމަށާއި، އެކަމަކު އެޕް މެދުވެރިކޮށް ވައިފައިކޮށް މާއަވަހަށް ފަސޭހައިން އެކަން ކުރެވޭނެކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
މި އައު އެޕް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯގައި މިހާރު ލިބެން ހުރިއިރު، އޭގެ އައިކަން އަދި ތަފްސީލު ވެސް އަޕްޑޭޓްކޮށްފައިވާ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ. މި އެޕަކީ "ގޫގުލްގެ ރަސްމީ ޓްރާންސްފަރ އެޕް" ކަމަށް ވެސް އެޕްގެ ތަފްސީލުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!