ގޫގުލްގެ ނޯޓު ލިޔުމަށް ބޭނުންކުރާ އެޕްލިކޭޝަން، ގޫގުލް ކީޕްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަތުން ކުރަހާ ކުރެހުންތައް ފުރިހަމަ ކޮށްދޭ ފީޗަރެއް ތަޢާރަފުކުރަން އުޅޭ ކަމަށް ޓެކް ރިޕޯޓުތައް ބުނެފިއެވެ. "ހެލްޕް މީ ޑްރޯ" ގެ ނަމުގައި ތަޢާރަފުކުރާ މި ފީޗަރ އެންޑްރޮއިޑް ފޯނުތަކަށް ލިބޭ ގޫގުލް ކީޕްގެ އެންމެ ފަހުގެ ވާޝަންގައި ހިމެނިފައިވާކަން ފާހަގަކުރެވިފައިވެއެވެ.

އެންޑްރޮއިޑް އޮތޯރިޓީ އާއި އެސެމްބްލް ޑީބަގް އިން މި ފީޗަރ ފާހަގަކޮށްފައިވަނީ އެޕްލިކޭޝަން ޕެކޭޖް ކިޓް (އޭޕީކޭ) ޓިއަރޑައުން އެއްގެ ތެރެއިންނެވެ. ނަމަވެސް މި ފީޗަރގެ އޭއައި ޤާބިލުކަން ކްލައުޑްގައި ހުރުމުގެ ސަބަބުން އަދި މި ފީޗަރ ޓެސްޓެއް ނުކުރެވެއެވެ. މި ފީޗަރ ފެނިފައިވަނީ އެންޑްރޮއިޑަށް ނެރެފައިވާ ގޫގުލް ކީޕްގެ 5.24.462.04.90 ވާޝަންގައެވެ.

Ad
rt

ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކުން ދައްކާގޮތުގައި، މި އޭއައި ޓޫލްގެ ނަމަކީ "ހެލްޕް މީ ޑްރޯ" އެވެ. އަދި މީގެ ތަފްސީލުގައި ބުނެފައިވަނީ "ހެލްޕް މީ ޑްރޯ ބޭނުންކޮށްގެން އަތުން ކުރަހާ ކުރެހުންތަކުން ޔުނީކް އިމޭޖްތައް އުފައްދައި، ކުރެހުންތަކަށް ފުރާނަ ލެވިދާނެ" ކަމަށެވެ.

މި ފީޗަރ ފުރަތަމަ ލިބޭނީ ގޫގުލްގެ ވޯކްސްޕޭސް ލެބްގައި ކަމަށާއި، އޭގެ ފަހުން މި ފީޗަރ ގިނަ ބަޔަކަށް ލިބޭގޮތަށް ތަޢާރަފުކުރާނެ ކަމަށް ބެލެވެއެވެ.