އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ތާރީޚީ މަޒާރެއް (ޒިޔާރަތެއް) ވައްޓާލައިފިއެވެ.

ލުބުނާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ހުކުރު ވިލޭރޭ ލުބުނާނުގެ ދެކުނުގައިވާ ޗަމާއާ ރަށަށް ވަދެ، އެތަނުގައިވާ ތާރީޚީ ދީނީ މަޒާރެއް ވަނީ ބިމާ ހަމަކޮށްލާފައެވެ.

Ad
rt

މި ޙަމަލާ ދީފައިވަނީ އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނަށް ވަދެ، އެތަނުގައި ހިންގަމުންދާ ހަނގުރާމަވެރި ޙަރަކާތްތަކުގެ ތެރެއިންނެވެ. ޗަމާއާ ރަށަކީ ލުބުނާނާއި އިސްރާއީލާ ދެމެދުގައިވާ ސަރަޙައްދީ ބޯޑަރު ކައިރީގައިވާ ރަށެކެވެ.

މި މަޒާރަކީ ލުބުނާނުގެ ރައްޔިތުންގެ މެދުގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވިފައިވާ ތަނެކެވެ. މިފަދަ ތާރީޚީ އަދި ދީނީ ތަންތަން ހަލާކުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ލުބުނާނުގެ އިސްވެރިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ލުބުނާނުގެ ސަރުކާރުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، މި ކަމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ލުބުނާނަކީ އިސްލާމީ ޙަޟާރާތުގެ މުހިންމު ބައެއް އެކުލެވިގެންވާ ޤައުމެކެވެ. 7 ވަނަ ޤަރުނުގައި އިސްލާމްދީން މި ޤައުމަށް ފެތުރުނީއްސުރެ، ގިނަ އިސްލާމީ އާސާރީ ތަންތަނާއި މަޒާރުތައް މި ޤައުމުގައި ޤާއިމުކުރެވިފައިވެއެވެ. ޚާއްޞަކޮށް ބައިރޫތު، ޓްރިޕޮލީ އަދި ސައިދާ ފަދަ ތާރީޚީ ސިޓީތަކުގައި ޢުމަރުގެފާނުގެ ޒަމާނުން ފެށިގެން ބިނާކުރެވުނު މިސްކިތްތަކާއި މަދްރަސާތައް ހުރެއެވެ. މީގެ އިތުރުން، އައްޔޫބީ އަދި މަމްލޫކު ދައުލަތްތަކުގެ ދަށުން ބިނާކުރެވުނު ގިނަ އިސްލާމީ ޢިމާރާތްތަކާއި މަޒާރުތައް މިއަދާ ހަމައަށްވެސް ދެމިހުރެއެވެ. މި ތަންތަނަކީ ލުބުނާނުގެ އިސްލާމީ އަދި ޘަޤާފީ ތަރިކައިގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވެއެވެ.