ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ސައިންސްވެރިންނަށް ފެނިއްޖެއެވެ.
މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިފައިވަނީ ސޮލަމަން ޖަޒީރާތަކުން ކަމަށް ސައިންޓިސްޓުން ވަނީ ހާމަކޮށްފައެވެ. މި މުރަކައިގެ ސަބަބުން ދުނިޔޭގެ ސަމާލުކަން އެ ސަރަހައްދަށް އަމާޒުވެފައިވާއިރު، މިއީ ތިމާވެށީގެ ގޮތުން ވެސް ވަރަށް މުހިންމު ހޯދުމެއް ކަމަށް ބެލެވެއެވެ.
ނޭޝަނަލް ޖިއޮގްރެފިކްގެ "ޕްރިސްޓިން ސީސް" އެކްސްޕެޑިޝަންގެ ތެރެއިން އޮކްޓޯބަރ މަހު ފެނުނު މި މުރަކައިގެ ފުޅާމިނުގައި 111 ފޫޓު ހުރި އިރު، ދިގުމިނުގައި 104 ފޫޓު ހުއްޓެވެ. މިއީ ބާސްކެޓްބޯޅަ ދެ ކޯޓުގެ ބޮޑުމިން ހުރި ސަރަހައްދެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
އެކްސްޕެޑިޝަންގެ އިސް ސައިންޓިސްޓް ޑރ. މޮލީ ޓިމާސް ވިދާޅުވި ގޮތުގައި، ކަނޑުގެ މަތިން ބަލާއިރު މުރަކަ ފެނުނީ "ކަނޑުގައި އަޅާފައިވާ އުޅަނދެއް" ފަދައިންނެވެ. ފެނުގެ އަޑިއަށް ފައިބައިގެން ދިރާސާކުރި ޑައިވަރުން ހާމަކުރި ގޮތުގައި، މި މުރަކައިގައި ރީނދޫ، ނޫ އަދި މުށިކުލައިގެ އެކި ކުލަތައް ހިމެނެއެވެ. އަދި މުރަކައިގެ އުމުރަކީ 300 އާއި 500 އަހަރާ ދެމެދުގެ އުމުރެއް ކަމަށް ލަފާކުރެވެއެވެ. މީގެ ކުރިން އެމެރިކަން ސަމޯއާ އިން ފެނުނު "ބިގް މަމާ" ނަމަކަށް ކިޔާ މުރަކައަށްވުރެ މިހާރު ފެނުނު މުރަކަ މާ ބޮޑެވެ.
ޕްރިސްޓިން ސީސްގެ ފައުންޑަރ ޑރ. އެންރިކް ސަލާ ވިދާޅުވި ގޮތުގައި މިއީ "ދުނިޔޭގެ އެންމެ އުސް ގަސް" ފެނުން ފަދަ މުހިންމު ހޯދުމެކެވެ. އެކްސްޕެޑިޝަންގައި ބައިވެރިވެވަޑައިނުގަންނަވާ، ހޮންގ ކޮންގ ޔުނިވަރސިޓީގެ މުރަކައިގެ ދިރާސާކުރައްވާ ޑރ. ޑޭވިޑް އެމް. ބޭކަރ ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި މުރަކަތަކަކީ ތިމާވެށީގެ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން ހުރިކަން ދައްކުވައިދޭ ހެއްކެކެވެ. އެހެނީ މި މުރަކަތައް ވަނީ ގަރުނުތަކެއްގެ ތެރޭގައި އައި އެތައް ބަދަލުތަކަކާ ކުރިމަތިލާ، ދެމިހުރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!