ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ގްރޫޕް ތިނެއްގައި ޖަރުމަނާއި ބޮސްނިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖަރުމަނު ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ގައުމުގައި ޖަރުމަނުން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބޮސްނިއާ ބަލިކޮށްފައެވެ.

މުޅި މެޗުގައި ވެސް ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުން ފުރަތަމަ ލަނޑުޖެހީ ދެވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ މުސިއާލާއެވެ. އެ ޓީމްގެ ދެވަނަ ލަނޑު 23 ވަނަ މިނެޓުގައި އެންޑްރިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޓިމް ޖަހައިދިންއިރު ތިންވަނަ ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ ކައި ހަވާޓްޒްއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ވިޓްޒްގެ އެހީތެރިކަމާއި އެކުއެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ވެސް ތިން ލަނޑުގެ ލީޑަކާއި އެކުއެވެ.

Ad
rt

ޖަރުމަނުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ވިޓްޒްއެވެ. އޭނާގެ ފަރާތުން މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ޖަރުމަނުގެ ހަވަނަ ލަނޑު 66 ވަނަ މިނެޓުގައި ސާނޭ ޖަހައިދިންއިރު ހަތްވަނަ ލަނޑު 79 ވަނަ މިނެޓުގައި ޖަހައިދިނީ ޓިމް އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނުން ކުޅުނު ފަސް މެޗުގައި އެ ޓީމުން މިވަނީ 17 ލަނޑު ޖަހާފައެވެ. މިހާތަނަށް ގްރޫޕް ސްޓޭޖް ފަސް މެޗުގައި އެންމެ ގިނައިން ލަނޑު ޖަހާފައިވަނީ ވެސް އެ ޓީމުންނެވެ.

މިއީ ޖަރުމަނުގެ ކޯޗްގެ މަގާމުގައި މިވަގުތު ހުރި ނާގަލްސްމަން އެ ޓީމާއިއެކު ހޯދި އެންމެ ބޮޑު މޮޅެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ އެއްވެސް ކުޅުންތެރިއަކަށް އަނިޔާއެއް ނުވެ މެޗު ނިންމާލެވުމާއި އަދި މެޗުގައި ޓީމްގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

މި މެޗުން މޮޅުވުމާއިއެކު ޖަރުމަނަށް ވަނީ ކުޅުނު 5 މެޗުން 13 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި ނެދަލެންޑްސް އޮތީ 5 މެޗުން 8 ޕޮއިންޓް ހޯދައިގެންނެވެ. ފަސް މެޗުން ފަސް ޕޮއިންޓް ހޯދައިގެން ތިންވަނާގައި ހަންގޭރީ އޮތްއިރު، ފަސް މެޗުން ލިބުނު 1 ޕޮއިންޓާއިއެކު ބޮސްނިއާ އޮތީ ފުލުގައެވެ.