ދުނިޔޭގައި ހިމަބިހި (މީސެލްސް) ޖެހޭ މީހުންގެ އަދަދު 20 އިންސައްތަ އިތުރުވެއްޖެކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ޝާއިޢުކޮށްފައިވާ އައު ދިރާސާއަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ދުނިޔޭގައި ގާތްގަނޑަކަށް 10.3 މިލިއަން މީހުންނަށް މީސްލްސް ޖެހިފައިވެއެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ގައިންގަޔަށް އަރާ ބަލީގެ ކޭސްތައް އިތުރުވެފައިވަނީ ވެކްސިން ޖެހުމުގެ ނިސްބަތް ދަށްވެފައިވާތީއެވެ. ސީ.ޑީ.ސީގެ ޑިރެކްޓަރ މޭންޑީ ކޯހެން ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީސްލްސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށާއި، މިއީ މީހުންގެ ފުރާނައަށާއި ސިއްޙަތަށް ނުރައްކާވާ ކަމެއް ކަމަށެވެ.
މީސްލްސްއަކީ ދުނިޔޭގައި އެންމެ ފަސޭހައިން ފެތުރޭ ބަލިތަކުގެ ތެރެއިން އެއް ބައްޔެވެ. މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މީސްލްސް/ރުބެއްލާ ވެކްސިންގެ ދެ ޑޯޒު މަދުވެގެން 95 އިންސައްތަ މީހުންނަށް ދޭންޖެހެއެވެ. ނަމަވެސް 2023 ވަނަ އަހަރު ދުނިޔޭގެ ކުޑަކުދިންގެ ތެރެއިން 83 އިންސައްތަ ކުދިންނަށް އާންމު ސިއްޙީ ޚިދުމަތްތަކުގެ ތެރެއިން މި ވެކްސިންގެ ފުރަތަމަ ޑޯޒު ދެވިފައިވެއެވެ. މިއީ 2022 ވަނަ އަހަރުގެ ނިސްބަތާ އެއްވަރު އަދަދެކެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން މި ނިސްބަތް ހުރީ 86 އިންސައްތައިގައެވެ.
ޑަބްލިއު.އެޗް.އޯގެ ވެރިޔާ ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވެފައިވަނީ މީސްލްސް ވެކްސިނަކީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކޮށްދީފައިވާ ވެކްސިން ކަމަށެވެ. އަދި އިތުރު ފުރާނަތައް ސަލާމަތްކުރުމަށާއި މި ނުރައްކާތެރި ވައިރަސްއިން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުން ރައްކާތެރިކުރުމަށްޓަކައި، ކޮންމެ މީހަކު ދިރިއުޅޭ ތަނަކާ ނުބަލައި، އިމިއުނައިޒޭޝަންގައި އިންވެސްޓްކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!