"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލް މަޖިލީހުން ބޭރުކުރަން ގޮވާލާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މި ޕެޓިޝަންގައި ނޫސްވެރިން ސޮއިކުރުން ކުރިއަށްދަނީ އެމްޖޭއޭގެ އޮފީހުގަ އެވެ.

Ad
rt

މި ޕެޓިޝަނުގައި ބުނެފައިވާ ގޮތުން މި ބިލާ އެއްގޮތަށް މީޑިއާގެ ރެގިއުލޭޓަރީ ނިޒާމު އިންތިޒާމުވެގެން ދިއުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ގޮސް ބައިނަލް އަގުވާމީ ނޫސްވެރިކަމުގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ދާނެ ކަމެކެވެ.

ނޫސްވެރިންކަމާއި މީޑިއާތައް ރެގިއުލޭޓް ކުރަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަކީ އެ ޖަމްއިއްޔާއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫންކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ އެކަމާ ދެކޮޅަށް އެ ޖަމިއްޔާއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބިލް ހުށަހެޅުއްވި މެންބަރު ވެސް އަދި ސަރުކާރުގެ ފަރާތުން ވެސް ބިލް އެކުލަވާލުމުގައި އެ ޖަމްއިއްޔާގެ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ހޯދާފައި ނުވާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރުން ހިންގާނެ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުވުމަކީ މީޑިއާގެ މިނިވަންކަން ގެއްލި މިނިވަން ނޫސްވެރިކަން ހީނަރުވެގެން ދާނެ ނިންމުމެއް ޕެޓިޝަން އެހެންކަމުން ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ ހައްގުގެ މިނިވަންކަންވެސް ގެއްލޭނެކަން ފާހަގަކޮށް ޕެޓިޝަނުގައި ވަނީ މި ބިލް މަޖިލީހުން ބޭރުކޮށްލުމަށް މަޖިލީހުގެ މެމްބަރުންނަށް ގޮވާލާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލަން އެބިލުގައިވަނީ ހިމަނާފަ އެވެ.