ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކޮލަމްބިއާއާއި އުރުގުއޭ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އާޖެންޓީނާއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރަން ލިބުނު ފުރުސަތު ކޮލަމްބިއާއިން ނަގާލައިފިއެވެ.

އުރުގުއޭގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ކޮލަމްބިއާއިންނެވެ. މި ލަނޑު 31 ވަނަ މިނެޓުގައި ޖަހައިދިނީ ކުއިންޓެރޯއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.

އުރުގުއޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 57 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ކޮލަމްބިއާގެ ސަންޗޭޒް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އޭގެ ތިން މިނެޓް ފަހުން އުރުގުއޭގެ އަގުރޭ ލަނޑެއްޖަހައި އެ ޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ހަތް މިނެޓްގެ ކުޅުން ފެށިއިރު އުރުގުއޭ އޮތީ ކުރީގައެވެ. އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި އަންދްރޭ ގޮމޭޒް ޖެހިލަނޑުން ކޮލަމްބިއާއިން ނަތީޖާ ހަމަހަމަ ކުރިނަމަވެސް މެޗުގެ ފަހު ސިކުންތުގައި އުރުގުއޭގެ އުގާޓޭ ވައްދާލި ލަނޑާއިއެކު މެޗުން އުރުގުއޭ މޮޅުވީއެވެ.

މި މޮޅާއިއެކު އުރުގުއޭ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 11 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު ކޮލަމްބިއާ ތިންވަނާގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި އޮތް އާޖެންޓީނާއަށް ލިބިފައިވަނީ 11 މެޗުން 22 ޕޮއިންޓެވެ. ރޭ މެޗު ކާމިޔާބު ކޮށްގެން އާޖެންޓީނާއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރުމުގެ ފުރުސަތު ކޮލަމްބިއާއަށް އޮތެވެ.