ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލްއާއި ޕޮލެންޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕޯޗުގަލް އިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރަފޭލް ލިއާއޯ ޖަހައިދިންއިރު ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ އަށް މިނެޓް ފަހުން ޕޯޗުގަލްގެ ތިންވަނަ ލަނޑު ވިޓީނިއާގެ އެހީތެރިކަމާއިއެކު ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ޕެޑްރޯ ނެޓޯއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ރޮނާލްޑޯގެ އެހީތެރިކަމާއިއެކުއެވެ. މެޗުގައި ޕޯޗުގަލުން ކާމިޔާބުކުރި ފަސްވަނަ ލަނޑު 87 ވަނަ މިނެޓުގައި ވިޓީނިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރޮނާލްޑޯއެވެ. މިއީ އޭނާ ބައިސްކަލް ކިކަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. މެޗުގައި ޕޮލެންޑުން ޖެހި ހަމައެކަނި ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ މާކްޒުކްއެވެ.
މި މޮޅާއިއެކު ކުޅުނު ފަސް މެޗުން ޕޯޗުގަލްއަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ. އެ ޓީމްވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ކޮލިފައިވެފައެވެ. ދެވަނައިގައި އޮތް ކްރޮއޭޝިއާ އަށް ފަސް މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު ޕޮލެންޑާއި ސްކޮޓްލޭންޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
އެހެންކަމުން ގްރޫޕުގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ޕޮލެންޑާއި ސްކޮޓްލޭންޑް ކުޅޭ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ޕޮލެންޑް މޮޅުވެގެން ނޫން ގޮތަކަށް އެ ޓީމަށް ކުއާޓަރ ފައިނަލުގެ ޖާގައެއް ނުލިބޭނެ އެވެ. ޕޮލެންޑަށް މައިނަސް ހަ ގޯލު އޮތްއިރު ސްކޮޓްލޭންޑަށް އޮތީ މައިނަސް ދެ ގޯލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!