އިންޓަނެޓް ޚިދުމަތްދޭ ކުންފުނި ސްޓާލިންކުން އެފްރިކާގެ ބައެއް ސިޓީތަކުގައި އައު ކަސްޓަމަރުން ރަޖިސްޓްރީކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަން ހުއްޓާލީ ޑިމާންޑް ބޮޑުވުމާ ގުޅިގެންނެވެ.

މިލިއަނަރު ވިޔަފާރިވެރިޔާ އީލޮން މަސްކް މިކަން ކަށަވަރުކޮށްދެއްވީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. މަސްކްގެ މި ބަސްފުޅަކީ އެފްރިކާގެ ގިނަ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ސްޓާލިންކުން އައު ރަޖިސްޓްރޭޝަން ބަލައިގަތުން ހުއްޓާލާފައިވާކަމަށް ފާހަގަކުރި ޔޫޒަރެއްގެ ކޮމެންޓަކަށް ދެއްވި ޖަވާބެކެވެ.

Ad
rt

މި މައްސަލައާ ގުޅޭގޮތުން މަސްކް ވިދާޅުވީ، "ސްޓާލިންކުން ވީހާވެސް އަވަހަކަށް އެފްރިކާގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އިންޓަނެޓްގެ ޚިދުމަތް އިތުރުކުރުމަށް މަސައްކަތްކުރަމުންދާ" ކަމަށެވެ. އަދި "ސިޓީ ސެންޓަރުތަކުން ބޭރުގައި އަދިވެސް ފާހަގަކުރެވޭ ވަރަށް ކެޕޭސިޓީ ހުރިކަން" ވެސް ފާހަގަކުރެއްވިއެވެ.

ސްޓާލިންކްގެ ޚިދުމަތަށް ޑިމާންޑް އިތުރުވެފައިވާކަމުން، އެފްރިކާގެ ސިޓީތަކުގައި އިތުބާރުހުރި އިންޓަނެޓް ޚިދުމަތަކަށް ބޭނުންވެފައިވާ މިންވަރު ދައްކުވައިދެއެވެ. އިންފްރާސްޓްރަކްޗަރގެ މައްސަލަތަކާ ހެދި މި ސަރަހައްދުތަކުގައި ހަލުވި އަދި ސްޓޭބަލް ކަނެކްޓިވިޓީއަށް ވާސިލުވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

އީލޮން މަސްކްގެ ސްޓާލިންކުން ނައިޖީރިއާގައި ސެޓަލައިޓް އިންޓަނެޓް ޚިދުމަތް ތަޢާރަފުކުރީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިއީ އެފްރިކާގައި މި ޚިދުމަތް ލިބުނު ފުރަތަމަ ޤައުމެވެ. މި ޚިދުމަތް ފެށުނީ 2022 ވަނަ އަހަރުގެ މޭ މަހު ނައިޖީރިއާގެ ކޮމިއުނިކޭޝަންސް ކޮމިޝަނުން ހުއްދަ ދިނުމާ ގުޅިގެންނެވެ. އޭގެ ފަހުން ކުޑަ މުއްދަތެއްގެ ތެރޭގައި ޕްރީ-އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލެވުނެވެ.

އޭގެ ފަހުން ސްޓާލިންކް އަވަސް ދުވެއްޔެއްގައި ކުރިއަރައި، 2023 ވަނަ އަހަރު ނިމުނުއިރު ނައިޖީރިއާގެ ތިންވަނައަށް އެންމެ ބޮޑު އިންޓަނެޓް ޚިދުމަތްދޭ ފަރާތަށްވެ، 23،000 އަށްވުރެ ގިނަ ސަބްސްކްރައިބަރުން ހޯދާފައިވެއެވެ.

ޖޫން މަހު، ކެންޔާގެ ޓެލެކޮމް ރެގިއުލޭޓަރުން ސްޓާލިންކް ވަނީ އެ ޤައުމުގެ 10 ވަނައަށް އެންމެ ބޮޑު އިންޓަނެޓް ޚިދުމަތްދޭ ފަރާތުގެ ގޮތުގައި ފާހަގަކޮށްފައެވެ.