ޣައްޒާގައި ހަމާސްގެ ބަންދުގައިވާ ރަޝިއާގެ ދެ ރައްޔިތުން ދޫކޮށްލުމަށް އެގައުމުން ގޮވާލައިފިއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަރިޔާ ޒަކަރޯވާ ވިދާޅުވެފައިވަނީ ޣައްޒާގައި ހަމާސްގެ ބަންދުގައިވާ އެ ޤައުމުގެ ދެ ރައްޔިތުން ވަގުތުން ދޫކޮށްލުމަށް ރަޝިޔާއިން ގޮވާލާ ކަމަށެވެ.
ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ޒަކަރޯވާ ވިދާޅުވެފައިވަނީ "އެއްވެސް ހާލެއްގައި މަޢުޞޫމު ރައްޔިތުން ހިފައި ބަންދުކުރުމަކީ ޖާއިޒު ކަމެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެން ގޮވާލަނީ ފަލަސްތީނުގެ ފެކްޝަންތަކުގެ ބަންދުގައިވާ އެންމެހާ އާންމު ރައްޔިތުން، އޭގެ ތެރޭގައި އަޅުގަނޑުމެންގެ ރައްޔިތުން އަލެކްސެންޑަރ ޓްރުފަނޯވް އަދި މެކްސިމް ކޯކިން ހިމެނޭ ގޮތަށް، އެއްވެސް ޝަރުތެއް ނެތި ދޫކޮށްލުމަށް،" އެ ބަޔާނުގައި ވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1,200 އެއްހާ މީހުން މަރާލައި، 250 މީހުން ރަހީނުންގެ ގޮތުގައި ގެންދިޔައެވެ. މިހާރުވެސް 100 އެއްހާ މީހުން ބަންދުގައި ތިބިކަމަށް ބެލެވެއެވެ. އޭގެ ފަހުން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 43,000 އަށްވުރެ ގިނަ މީހުން މަރުވެ، އެ ސަރަޙައްދު ދިރިއުޅެން ނުކުޅެދޭ ހާލަތަކަށް ގޮސްފައިވެއެވެ.
ރަޝިޔާގެ އޮފިޝަލް ވިދާޅުވީ ރަހީނުންގެ މައްސަލަ ހައްލުކުރުމަކީ ހަމާސް އަދި އެހެނިހެން ފަލަސްތީނު ގްރޫޕްތަކާއެކު ރަޝިޔާގެ މަޝްވަރާތަކުގައި އިސްކަންދޭ ކަމެއް ކަމަށެވެ. މި މަސައްކަތުގައި އެ ސަރަޙައްދުގައި ހުރި ރަޝިޔާގެ އެމްބަސީތައް މެދުވެރިކޮށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަކަރޯވާ ފާހަގަކުރެއްވި ގޮތުގައި މި ކަން އެންމެ ރަނގަޅަށް ހައްލުކުރެވޭނީ ސިޔާސީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތަކުންނެވެ. ނޮވެމްބަރު މަހު އެއް ހަފްތާގެ އެއްބަސްވުމެއްގެ ދަށުން ގިނަ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ މަސައްކަތުން މި އެއްބަސްވުމުގެ ބޭރުން އެ ޤައުމުގެ ރައްޔިތުން އެލެނާ ޓްރުފަނޯވާ، އިރީނާ ޓަޓީ އަދި ރޮން ކްރިވޯއި ދޫކޮށްލެވުނު ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!