ސޫދާން ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ރެކޯޑް ކުރެވިފައިވާ އަދަދަށްވުރެ މާ ބޮޑުކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސޫދާންގެ ހަނގުރާމައިގެ ފުރަތަމަ 14 މަސް ދުވަހުގެ ތެރޭގައި ޚަރްތޫމް ސްޓޭޓުން 61،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އަންދާޒާކޮށްފައިވާއިރު، އެ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ކުރިން ރެކޯޑް ކުރި އަދަދަށް ވުރެ މާ ބޮޑު ކަމަށް ބެލެވޭ ކަމަށް ހާމަކުރީ އިނގިރޭސިވިލާތާއި ސޫދާންގެ ސައިންސްވެރިންގެ ޓީމަކުންނެވެ.

Ad
rt

މި އަންދާޒާގައި ހަނގުރާމަތެރޭގައި މަރުވި 26،000 މީހުން ހިމެނޭ އިރު، މިއީ މުޅި އެ ގައުމުގައި މަރުވި މީހުންކަމަށް އދ އިން މިހާރު ބުނަމުންދާ އަދަދަށް ވުރެ އިތުރު އަދަދެކެވެ.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ސޫދާން ރިސާޗް ގްރޫޕުން ޕީއާ ރިވިއުކުރުމުގެ ކުރިން ބުދަ ދުވަހު ނެރުނު ޕްރީޕްރިންޓް ދިރާސާއިން ދައްކާ ގޮތުގައި ބަނޑުހައިހޫނުކަމާއި ބަލިތަކަކީ ސޫދާނުގެ އެކި ކަންކޮޅުތަކުގައި އެންމެގިނައިން މީހުން މަރުވާ ސަބަބުތަކެވެ.

މިހުރިހާ ކަމަކާ ހެދި ޚަރްތޫމް ސްޓޭޓްގައި މަރުވި ކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު އަސްކަރިއްޔާއާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސްއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ކުރިން ގައުމީ އެވްރެޖަށް ވުރެ 50 އިންސައްތަ އިތުރު އަދަދެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އދ އިން ބުނީ މި ހަމަނުޖެހުންތަކުގެ ސަބަބުން 11 މިލިއަން މީހުން ގެދޮރު ދޫކޮށްގޮސްފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ބަނޑުހައިހޫނުކަމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ.

ސޫދާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ކަމަށްވާ ގާތްގަނޑަކަށް 25 މިލިއަން މީހުންނަށް މިހާރުން މިހާރަށް އިންސާނީ އެހީ ބޭނުންވާ ކަމަށް އދ.އިން ބުނެއެވެ.