އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނުގައި ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފިއެވެ.

މާރިވް ނަމަކަށް ކިޔާ އިސްރާއީލުގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ވަނީ ލުބުނާނުގެ ދެކުނު ސަރަޙައްދުގައި ހިންގަމުންދާ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި ފަށައިފައެވެ. މި ފިޔަވަހީގައި ހަމަލާތައް އަމާޒުކުރަނީ ހިޒްބުﷲގެ ދެވަނަ ދިފާއީ ލައިނަށް ކަމަށް އިސްރާއީލު ސިފައިން ބުނެއެވެ.

Ad
rt

މި އޮޕަރޭޝަންގައި އިސްރާއީލު ސިފައިންގެ އެންމެ ބޮޑު ޑިވިޝަން ކަމުގައިވާ 36 ވަނަ ޑިވިޝަން ބައިވެރިވާ ކަމަށް މާރިވް ނޫހުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ގޮލާނީ ބްރިގޭޑް، ޕެރަޓްރޫޕަރސް ބްރިގޭޑް އަދި 188 ވަނަ އާމަރޑް ބްރިގޭޑް ހިމެނެއެވެ. އަދި މި ބާރުތަކާއެކު ކޮމްބެޓް އިންޖިނިއަރުންވެސް މަސައްކަތްކުރަމުންދާ ކަމަށް ވެއެވެ.

މި އޮޕަރޭޝަންގެ މަޤްޞަދަކީ އެ ސަރަޙައްދުގައި ހުރި ހިޒްބުﷲގެ ފޯމޭޝަންތައް ނައްތާލުމާއި، ލުބުނާނުގައި ސިޔާސީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި ހިޒްބުﷲގެ މައްޗަށް ބާރު ފޯރުވުން ކަމަށް މާރިވް ނޫހުގައި ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 3،300 އަށްވުރެ ގިނަ މީހުން މަރުވެ، 14،200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ލުބުނާނުގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދީފައިވެއެވެ. އަދި މިދިޔަ އޮކްޓޯބަރު 1 ވަނަ ދުވަހު އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނު ސަރަޙައްދަށް އަސްކަރީ ގޮތުން އެއްގަމުމަގުން ވަދެފައެވެ.

އިސްރާއީލާއި ލުބުނާނުގެ ދެމެދުގައި ހިނގަމުންދާ މި ހަނގުރާމައިގެ ފެށުން އައީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ފަހުން، ހިޒްބުﷲއާއި އިސްރާއީލާ ދެމެދު އެތައް ފަހަރެއްގެ މަތިން ބޯޑަރު ހުރަސްކޮށް ހަމަލާތައް ދެމުން ދިޔައެވެ. މި ހަނގުރާމަ ދެމިގެން ދިޔަ ވަރަކަށް، އިސްރާއީލުން ލުބުނާނުގެ ދެކުނު ސަރަޙައްދުގައި ހިންގާ އޮޕަރޭޝަންތައް ދަނީ ފުޅާވަމުންނެވެ. އިސްރާއީލުން ބުނާ ގޮތުގައި މި އޮޕަރޭޝަންތަކުގެ މަޤްޞަދަކީ ހިޒްބުﷲގެ ސަޕޯޓް ބޭސްތައް ނައްތާލުމެވެ. ނަމަވެސް މި ހަނގުރާމައިގެ ސަބަބުން ދެ ފަރާތުގެ އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.